ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ލާމަރުކަޒީ ވެރިކަން ހައިޖެކްކޮށްފައި ވާކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަޤާމަށް ވާދަ ކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކއި ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެނައުމަށް މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ޖަލްސާގެ މިއަދުގެ ބަހުސްގައި އެމްޑީޕީގެ މެމްބަރުން ފާޅު ކުރެއްވި ޚިޔާލުތަކާއި އިންތިޚާބު އަދިވެސް ލަސްކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އަލްހާން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
އަލްހާން ވިދާޅުވީ އެމްޑީޕީން ވައުދުވެގެން އައިއީ ހެޔޮ ވެރިކަމެއް ކޮށްދެއްވުމަށްކަމަށާއި، ނަމަވެސް ފެނިގެން މިދަނީ އެމަންޒަރު ކަމާއިމެދު މިއަދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭކަމަށެވެ. އަދި މިއަދު މަޖިލީހުގައި އޮތް ސުޕަ މެޖޯރިޓީ ބޭނުުންކޮށް ރައްޔިތުންގެ ބާރުވެރިކަމުގައި ހިންގުމަށް އޮތް ނިޒާމު ހައިޖެކޮށް ކޮށްފައިވާކަމަށް އަލްހާން ވިދާޅުވިއެވެ.
މެޖޯރިޓީ ބޭނުންކޮށްގެން #ލާމަރުކަޒީވެރިކަން ހައިޖެކްކޮށްފި! މިއީތޯ އެމްޑީޕީން ވަޢުދުވާ ހެޔޮވެރިކަމަކީ؟ @MohamedNasheed https://t.co/HBVlk4z1Wh
— ????? ????? – ?? ?? (@AlhanFahmy) January 17, 2021
ކޯވިޑް19 އާއި ގުޅިގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެނައުމަށް މަޖިލީހުން ކުރަމުންދާ މަސައްކަތުގައި އިންތިޚާބު ޖޫންމަކަށް ފަސްކުރުމަށް އެމްޑީޕީގެ މެމްބަރުން ޚިޔާލު ހުށަހަޅުއްވައިފިއެވެ.
އިންތިޚާބުގެ ޚާއްސަ ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެނެސް އިންތިޚާބު ބޭއްވޭނެ ޤާނޫނީ ހައްލެއް ހޯދުމަށް މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީގެ މެމްބަރުންގެ ވިސްނުން ހުރީ މިވަގުތު ތެޅި ފޮޅިގެން އިންތިޚާބު ބޭއްވުމުގެ ބަދަލުގައި ހަމަޖެހިލައިގެން، ޤާނޫނީ ގޮތުންވެސް އެއްވެސް ހުރަހެއް ކުރިމަތި ނުވާނެގޮތަކަށް އިންތިޚާބު ބޭއްވުމަށެވެ.
މިބިލަށް ވާހަކަ ދެއްކެވި އިދިކޮޅު މެމްބަރުންވަނީ އިންތިޚާބު ބޭއްވުމަށް ސަރުކާރުން ފަސްޖެހެނީ ބޮޑުތަނުން އިންތިޚާބު ނާކާމިޔާބު ވާނެކަން ޔަގީންވާތީކަމަށް ވިދާޅުވެފައެވެ. އިންތިޚާބު ނުބޭއްވުމަށް ސަރުކާރުން ބަހަނާ ދައްކާއިރު، ސަރުކާރުން ބޭނުންވާ ތަންތަނަށް ދެވި، ބާއްވަން ބޭނުންވާ އިވެންޓުތައް ބާއްވާއިރު ކޯވިޑުގެ ނުރައްކަލެއް ނެތުމަކީ ދައްކާ ވާހަތަކާއި އަަމަލާއި ދިމާނުވާކަމުގެ ހެއްކެއް ކަމަށެވެ. އަދި އިންތިޚާބު ބޭއްވުމަށް ސަރުކާރުން ބޭނުން ނުވަނީ މިހާރު ހުރި ބާރުތައް ރައްޔިތުންނަށް ދޫކޮށްލަން ބޭނުން ނުވާތީކަމަށް އިދިކޮޅު މެމްބަރުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ