އިސްރާއީލުގެ ކަނޑުމަތީ ހުރަސްތަކާ ދެކޮޅަށް، އަންނަ އޮކްޓޫބަރު މަހު ޣައްޒާއަށް ކަނޑުމަގުން އާ ދަތުރެއް ކުރުމަށް ފްރީޑަމް ފްލޮޓީލާ ކޯލިޝަނުން ނިންމައިފިއެވެ.
އެ ކޯލިޝަނުން ބުނި ގޮތުގައި، މި ދަތުރުގައި ބައިވެރިވާ އުޅަނދުތައް ސްޕެއިން، ޕޯޗުގަލް އަދި އިޓަލީގެ ބަނދަރުތަކުގައި މަޑުކުރުމަށްފަހު ޣައްޒާއަށް މިސްރާބު ޖަހާނެއެވެ. ޔޫރަޕުގެ ބަނދަރުތަކުގައި މަޑުކުރުމުގެ ބޭނުމަކީ ދަތުރާ ދިމާކޮށް ޢާންމުންގެ ތާއީދު ހޯދުމާއި، އެ ޤައުމުތަކުގެ ސަރުކާރުތަކުން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބާރު އެޅުމެވެ. މީގެ ތެރޭގައި ހަތިޔާރާއި ހަކަތައިގެ ސަޕްލައި ކަނޑައިލުމާއި، ޑިޕްލޮމެޓިކް އަދި އަސްކަރީ ގުޅުންތައް ކުޑަކުރުމުގެ އިތުރުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުން ހިމެނެއެވެ.
ކޯލިޝަންގެ ސްޓިއަރިން ކޮމިޓީގެ މެންބަރު ޒޯހާ ޗެމްބަލެއިން ރެޖެވް ވިދާޅުވީ، މި ދަތުރު ރާވަން މަޖުބޫރުވީ ފަލަޞްޠީނު ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ދުނިޔޭގެ ދައުލަތްތައް ފެއިލްވަމުންދާތީ ކަމަށެވެ. ކޮންމެ ބަނދަރެއްގައި ވެސް ފަލަޞްޠީނު ރައްޔިތުންނަށް ޢިއްޒަތާއެކު ދިރިއުޅުމުގެ މިނިވަންކަން ދިނުމަށް ގޮވައިލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި އަހަރުގެ މޭ މަހު ޣައްޒާއަށް އެހީގެ ތަކެއްޗާއެކު ދަތުރުކުރި އެ ކޯލިޝަންގެ ބޯޓުތައް ކަނޑުމަތިން އިސްރާއީލުން ހިފަހައްޓައި، ދަތުރުގައި ބައިވެރިވި 430 މީހަކު ހައްޔަރުކޮށް ޑީޕޯޓު ކޮށްލިއެވެ.
ކޮމެންޓު ފޮނުވާ