ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިދިޔަ އަހަރު ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ދެ މީހަކު 12 އަހަރާއި 7 މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 19 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ ހދ. ނޭކުރެންދޫ / ސާޒް، އިބްރާހީމް ރިސްފާނާއި މ. ވިލާތުކުންނާރުގޭ، މުޙައްމަދު ޒަޢީންއެވެ. ފުލުހުން ބުނިގޮތުގައި ހުޅުމާލެ ފޭސް ދޭއްގެ ތިން ޓަވަރެއްގެ ތިން އެޕާޓްމަންޓަކާއި ދެ ކާރު އަދި ދެ ސައިކަލު ބަލައި ފާސްކުރި އިރު ބަރުދަނުގައި 968.6 ގުރާމު ހުރި މަސްތުވާތަކެތި ފެނިފައި ވެއެވެ.
އެ ދެ މީހުންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލުމުން، ދެ މީހުން ވެސް ކުށަށް އިއުތިރާފުވެ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައި ވެއެވެ. އެ އެއްބަސްވުމުގެ ދަށުން، އަސްލު 25 އަހަރުގެ ޖަލު ހުކުމް 12 އަހަރާއި 7 މަހަށް ލުއިކޮށްދީ، ކޮންމެ މީހަކު 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ