ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ވިލާ އެއާއިން ވަޒީފާއިން ވަކިކުރި މުވައްޒަފަކަށް ބަދަލުގެ ގޮތުގައި ހަ މަސްދުވަހުގެ މުސާރަ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރި ހުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއިދުކޮށްފިއެވެ.
މިއީ ވިލާ އެއާގެ ގްރައުންޑް އޮޕަރޭޝަންސް އެސިސްޓެންޓެއްގެ މަގާމުގައި ހުރި މުވައްޒަފަކު، މާލޭ ލައުންޖުގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ 2023 ވަނަ އަހަރުގެ މާރިޗު މަހު ވަޒީފާއިން ވަކިކުރި މައްސަލައެކެވެ. މަހަކު 10,200 ރުފިޔާގެ ރޭޓުން ހަ މަސްދުވަހުގެ މުސާރަ އެ މުވައްޒަފަށް ދިނުމަށް ޓްރައިބިއުނަލުން އަމުރުކުރީ، މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމެއް ނެތި އޭނާ ވަޒީފާއިން ވަކިކޮށްފައިވާތީއެވެ.
ޓްރައިބިއުނަލްގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ވިލާ އެއާއިން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް، ޓްރައިބިއުނަލްގެ ނިންމުން ބާތިލުކުރާނެ ގާނޫނީ ތަނެއް ނެތްކަމަށް ފަނޑިޔާރުންގެ މަޖިލީހުން ވަނީ ހުކުމްކޮށްފައެވެ. ޖިންސީ ފުރައްސާރައިގެ އަމަލެއް އެ މުވައްޒަފު ހިންގިކަން މަދަނީ މިންގަނޑުން ސާބިތުވާވަރަށް ކުންފުނީގެ ތަހުގީގު ރިޕޯޓުގައި ހެއްކާއި ގަރީނާ ނެތްކަމަށާއި، މުވައްޒަފު ވަކިކުރުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއީ އަދުލުވެރިކަން ވިލާ އެއާއިން ފުރިހަމަކޮށްފައި ނުވާކަން ހައިކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.
މި ހުކުމް އިއްވެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ ރިޔާސަތުގައި، ފަނޑިޔާރު އަބްދުالله ޖަމީލް މޫސާ އާއި ފަނޑިޔާރު އިސްމާއީލް ޝަފީއުގެ އިއްތިފާގުންނެވެ.
ކޮމެންޓު ފޮނުވާ