ބޭހާއި ވެކްސިން ރައްކާކުރާ ޒަމާނީ ފެސިލިޓީގެ ބިންގާ އަޅައިފި

ބޭހާއި ވެކްސިން ރައްކާކުރާ ޒަމާނީ ފެސިލިޓީގެ ބިންގާ އަޅައިފި

Author
އަހުމަދު
04 ސެޕްޓެމްބަރ 2026 12:04
0

ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ބޭހާއި ވެކްސިން އަދި މެޑިކަލް ސާމާނު ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި ގާއިމުކުރާ ޒަމާނީ "ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީ"ގެ ބިންގާ ހެލްތު މިނިސްޓަރު ގީލާ އަލީ ބުދަ ދުވަހު އަޅުއްވައިދެއްވައިފިއެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ "ރެސްޕޮންސިވް ކޮވިޑް-19 ވެކްސިނޭޝަން ފޯ ރިކަވަރީ ޕްރޮޖެކްޓް" (އޭޕީވޭކްސް)ގެ ދަށުން ކުރިއަށްގެންދާ އެ މަޝްރޫއަކީ ދުރުރާސްތާއަށް ބަލާއިރު ސިއްހީ ނިޒާމު ވަރުގަދަކުރުމަށް ކުރާ އަގުހުރި އިންވެސްޓްމަންޓެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ސިއްހީ ދާއިރާގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ހިންގުމަށްޓަކައި އެޅި ވަރަށް މުހިންމު ބިންގަލެއް ކަމަށްވެސް ގީލާ ފާހަގަކުރެއްވިއެވެ.

ބޭހާއި ވެކްސިން ރައްކާކުރުމުގެ އިތުރުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އިދާރީ މަސައްކަތްތަކާއި، މެންޓަލް ހެލްތު ޑިޕާޓްމަންޓް އަދި ސިއްހީ ދާއިރާގެ ރެގިއުލޭޓަރީ ބޯޑުތަކާއި ކައުންސިލްތަކުގެ ހިދުމަތްތައްވެސް އެ އިމާރާތުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެ ފެސިލިޓީގެ ސަބަބުން ތަކެތި ރައްކާކުރުމަށް ކުއްޔަށް ހިފާފައިވާ ތަންތަނަށް ކުރާ ބޮޑެތި ހަރަދުތަކުން ދައުލަތުގެ ބަޖެޓަށް ލުއިވެ، ޖާގައިގެ ދަތިކަމަށްވެސް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.