ޔާމީންގެ "ސިއްރު އިންގިލާބު" ވާހަކައަށް ޕީއެންސީގެ ހޫނު ރައްދު!

ޔާމީންގެ "ސިއްރު އިންގިލާބު" ވާހަކައަށް ޕީއެންސީގެ ހޫނު ރައްދު!

Author
އަހުމަދު
04 ސެޕްޓެމްބަރ 2026 11:30
0

ރައްޔިތުންގެ މަޖިލީހުގައި ސިއްރު އިންގިލާބެއް ހިނގަމުންދާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ވިދާޅުވުމަށް ޕީއެންސީގެ އިސް މެންބަރުން ރައްދު ދެއްވައި، މަޖިލިސް އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ސާބިތުކަމާ އެކު ކަމަށް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފުން ރޭ ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވީ ޕީއެންސީގެ ހުރިހާ މެންބަރުން ތިއްބެވީ ސަރުކާރާ އެކު ނޫން ކަމަށާއި، މުއިއްޒުއާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ތިއްބެވި ގިނަ މެންބަރުންތަކެއް ޕީއެންސީގައި އެބަ ތިއްބެވި ކަމަށެވެ. ޑޮލަރުގެ މައްސަލައާ ގުޅިގެން، ކަޅު ބާޒާރުން ވިޔަފާރި ކުރައްވާ ބޭފުޅުންނާއި ސަފާރީ ދުއްވައިގެން ޑޮލަރު ހޯއްދަވާ މެންބަރުން އޭގެ ތެރޭގައި ތިއްބެވިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި މަޖިލީހުގައި ހިނގަނީ ވަރަށް ހިމޭން އިންގިލާބެއް ކަމަށާއި ވަރަށް އަވަހަށް ހާލަތު ބަދަލުވެގެންދާ ތަން ފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި، ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު އެކްސްގައި ވިދާޅުވީ "ތިގޮތަށް ވާހަކައިން 20 ވަނަ މަޖިލީސް ރޫޅަނިކޮށް ދައުރު މިއޮއް ނިމެނީ" ކަމަށާއި، މަޖިލިސް އޮތީ ރައީސް މުއިއްޒުއާ އެކު ވަރަށް ގަދަކޮށް ކަމަށެވެ. ޕީއެންސީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވެސް ވިދާޅުވީ ޔާމީން ވިދާޅުވާ ފަދަ ކަމެއް މަޖިލީހުގައި ނުހިނގާ ކަމަށާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޔާމީނުގެ ސިއްރު ގުޅުމުގެ ސަބަބުން އެމްޑީޕީ މެންބަރުންގެ ހިތްނުތަނަވަސްކަން އޮތްކަން އެ ބޭފުޅުންގެ ވާހަކަތަކުން ހާމަވާ ކަމަށެވެ. "ހިތްޕުޅު ގޯސްވާނޭ ކަމެއް ނެތް، އަޅުގަނޑުމެން މިތިބީ ރައީސް މުއިއްޒުއާ އެކު ވަރަށް ގަދަކޮށް،" ޝުޖާއު ވިދާޅުވި އެވެ.

93 މެންބަރުން ތިއްބަވާ ރައްޔިތުންގެ މަޖިލީހުގައި 74 މެންބަރުންނަކީ ޕީއެންސީގެ މެންބަރުންނެވެ. މީގެ ކުރިން ވެސް ސަރުކާރާ ފެޔަށް ޖެހެން ބައެއް މެންބަރުން އުޅޭ ކަމުގެ އަޑުތައް ވަނީ އަރައިފަ އެވެ. އަދި ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން އުޅޭ ކަމުގެ އަޑުތަކާ ގުޅިގެން، އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.