ޚަބަރު އޮންލައިން ޕޯލް: މާލޭ މޭޔަރުކަން ބޮޑުތަފާތަކުން ކާމިޔާބު ކުރާނީ ޑރ.މުއިއްޒު

ޚަބަރު އޮންލައިން ޕޯލް: މާލޭ މޭޔަރުކަން ބޮޑުތަފާތަކުން ކާމިޔާބު ކުރާނީ ޑރ.މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
17 ޖެނުއަރީ 2021 02:21
0

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލް މޭޔަރުގެ މަޤާމުން ކާމިޔާބު ކުރާނެ ކެންޑިޑޭޓަކާއި ގުޅޭގޮތުން ޚަބަރު އޮންލައިނުން ގެނެސްދިން ޕޯލް ބޮޑު ތަފާތަކުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރާ ކެންޑިޑޭޓު ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވައިފިއެވެ.

ކައުންސިލް އިންތިޚާބުގައި މާލޭ މޭޔަރުގެ މަޤާމަށް އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވޭ ތިން ކެންޑިޑޭޓުންގެ މެދުގައި ނެގުނު މިވޯޓު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ކާމިޔާބު ކޮށްފައިވަނީ 51 އިންސައްތަ ވޯޓުންނެވެ. ޕޯލްގައި މުއިއްޒުއާއި ކައިރިން ވާދަކޮށްފައިވަނީ މާލެ ސިޓީ ކައުންސިލަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވާ އަލްހާން ފަހުމީއެވެ. އޭނާއަށް ވަނީ 43 އިންސައްތަ ވޯޓު ލިބިފައެވެ. މި ޕޯލްގައި އެންމެ މަދުން ވޯޓު ލިބިފައިވަނީ މާލޭގެ މެޖޯރިޓީ އަބަދުވެސް ނަގަމުންދާ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއް ސައްތާރަށެވެ. އަނަސް ލިބިވަޑައިގެންފައިވަނީ ވޯޓުލީ މީހުންގެ 6 އިންސައްތަ ވޯޓެެވެ.

ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި ޕޯލަށް ގިނަ ބަޔަކު ވޯޓު ދީފައިވެއެވެ. ޖުމްލަ 4،892 މީހަކު ޕޯލްގައި ވޯޓު ދީފައިވާއިރު، ގިނަ ބަޔަކު ވަނީ މި ޕޯލާއިމެދު ދެކޭ ގޮތް ޓުވިޓާގައި ޚިޔާލު ފާޅުކުރައްވާފައެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބޮޑު ވާދަވެރިކަމެއް އޮވެ، އެއް ކެންޑިޑޭޓުން އަނެއް ކެންޑިޑޭޓުންނަށް ސޯޝަލް މީޑިޔާގައާއި، ޕާޓީތަކުގެ ޖަލްސާތަކުގައި ދަނީ ރައްދު ދެއްވަމުންނެވެ. އެންމެބޮޑަށް ބަހުސް ކުރެވެމުންދަނީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައާއި ގުޅޭގޮތުންނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް އަޅާފައިވާ ފްލެޓުތަކުގެ ހައްގު ވެރިންނަށް ފްލެޓު ނުދިނުމަށް މިސަރުކާރުން ހުރަސް އަޅާކަމަށް ވިދާޅުވެ އިދިކޮޅު ކެންޑިޑޭޓް ޑރ.މުއިއްޒުގެ ފާޑުކިޔުން ވަނީ އަމާޒުކޮށްފައެވެ.

ސަރުކާރުގެ މައިޕާޓީގެ ކެންޑިޑޭޓް އަނަސް ވިދާޅުވެފައިވަނީ މިމައްސަލާގައި މުއިއްޒުއަށް ހައްލު ނުގެނެސްދެވޭނެކަށެވެ، ބާރުލިބި 7 އަހަރު މިނިސްޓަރު ކަމުގައި ހުންވައިގެންވެސް ނުގެނެސްދެވެނު ހައްލެއް މިހާރު ގެނެވިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. މިމައްސަލާގައި ލަހާން ވިދާޅުވެފައިވަނީ މުއިއްޒުއާއި، އަނަސް އަށްވެސް ވެރިކަމުގެ ތެރެެއިން މިކަން ކުރަން އެކި ފަހަރު މަތީން ފުރުސަތު ލިބިފައި ވީނަމަވެސް ހުސް ވާހަކަ ދެއްކުން ފިޔަވައިވީ އެއްވެސް ކަމެއް ނެތްކަމަށެވެ. މިމައްސަލަ ހައްލު ކޮށްދެވޭނީ އިޚުލާސްތެރި މަސައްކަތްތަކެއް ކުރާނެ ރައްޔިތުންގެ އިހުސާސްތައް އެގޭ ކެންޑިޑޭޓަކަށް ކަމުގައި އަލްހާން ވިދާޅުވިއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނެ ބަޔަކާއި ގުޅޭގޮތުން އާންމު ޚިޔާލު ހުރިގޮތް ބެލުމަށް ޚަބަރު އޮންލައިނުން ގެނެސްދިން ޕޯލް ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައިވަނީވެސް އިދިކޮޅު ޕީޕީއެމް އިންނެވެ. އެ ޕޯލްގެ ނަތީޖާއިން ޕޯލުން ދައްކާ ގޮތުން އިދިކޮޅު ޕީޕީއެމް އަށްވަނީ 74.5 އިންސައްތަ ވޯޓު ލިބިފައެވެ. ސަރުކާރު ހިންގައި މައިޕާޓީ އެމްޑީޕީ އަށް ލިބިފައިވަނީ 25 އިންސައްތަ ވޯޓެވެ. ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ލިބިފައިވަނީ 0.5 އިންސަތަ ވޯޓެވެ. މި ޕޯލްގައި 7,843 މީހުން ވޯޓު ދީފައިވެއެވެ.

ކައުންސިލް އިންތިޚާބު ބާއްވާނެ ތާރީހެއް މިހާތަނަށްވެސް ސާފު ވެފައި ނުވާއިރު، ދައުރުން ބޭރުން މަޖިލިސް ޖަލްސާ ބާއްވައިގެން އިންތިޚާބުގެ ޤާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، ސުޕަ މެޖޯރިޓީ ޕާޓީގެ ވިސްނުން ހުރީ މިއަހަރުގެ ޖޫން މަހަށް އިންތިޚާބު ފަސްކުރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.