އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއަށް އަނިޔާކުރި ދިވެހި ފިރިހެނަކު 7,200 ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހިނގި މި މައްސަލައިގައި، ފިރިހެން މީހާ ވަނީ ކޮއްކޮގެ ކަރުގައި ހިފައި ބިންމައްޗަށް ވައްޓާލައި، އިސްތަށިގަނޑުގައި ހިފައިގެންވެސް އަނިޔާކޮށްފައި ކަމަށް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ދައުލަތުން އޭނާގެ މައްޗަށް އުފުލީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާއަށް ފިރިހެން މީހާ ޝަރިއަތުގައި އިއުތިރާފުވުމުން، މައްސަލަ ކުރިއަށްގެންދިޔައީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.
ޝަރީއަތުން އޭނާގެ މައްޗަށް އިއްވީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް އެ ހުކުމް ވަނީ 7,200 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ. މި ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.
ގާނޫނުލްއުގޫބާތުގައި ބުނާ ގޮތުން، މީހެއްގެ ހަށިގަނޑަށް ތަދެއްވުން، ބައްޔެއް ޖެއްސުން ނުވަތަ ޖިސްމާނީ އުނިކަމެއް ގެނުވުމަކީ އަނިޔާ ދިނުމުގެ ކުށެވެ.
ކޮމެންޓު ފޮނުވާ