ވަކިވަކި ދެ ހާދިސާއެއްގައި ދެ ކުޑަކުދިންގެ ފުރާނަ ގެއްލުމާ ގުޅިގެން، އާންމުން ހޭލުންތެރިކުރުވުމާއި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ ދުވަސްކުރިން ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ކުޑަކުއްޖަކު މަރުވުމާއި، އޭގެ ފަހުން އިމާރާތަކުން ވެއްޓި ތުއްތު ކުއްޖަކު މަރުވި ހާދިސާއަކީ މުޅި މުޖުތަމަޢަށް ފުން ހިތާމައެއް ގެނުވި ޙާދިސާތަކެއް ކަމަށެވެ.
އެމަނިކުފާނު ވަނީ މި ދެ ކުއްޖާގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެ، މި ދެ ކުދިންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވާފައެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، މިފަދަ ހާދިސާތައް ހުއްޓުވުމަށްޓަކައި މަގުތަކާއި އުސް އިމާރާތްތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް އެންމެންގެ ބައިވެރިވުމާއެކު ގުޅިގެން މަސައްކަތްކުރަން ޖެހެއެވެ.
ޚާއްޞަ ގޮތެއްގައި، އުސް އިމާރާތްތަކުގެ ކުޑަދޮރުތަކާއި، ބެލްކަނިތަކާއި، ރެއިލިންގތަކުގެ ސަލާމަތީ ފިޔަވަޅުތަކަށް އިތުރު ސަމާލުކަމެއް ދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
މީގެ އިތުރުން، ކުޑަކުދިންނާއި، ނަފްސާނީ ބަލި ތަޙައްމަލްކުރާ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ރައްކާތެރިކުރުމަށްޓަކައި ޢާއިލާތަކާއި އިމާރާތްތައް ބަލަހައްޓާ ފަރާތްތަކުން ކުރީބައިގައި ފިޔަވަޅު އެޅުމަށްވެސް ރައީސް މުޢިއްޒު ގޮވާލެއްވިއެވެ.
އަދި ސަރުކާރާއި، ކުންފުނިތަކާއި، މަދަނީ ޖަމިއްޔާތަކާއި، ފަރުދުން ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށާއި، ރޭވިގެން އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ