އެއްގަމު އުޅަނދު ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވުމަކީ ކުށެއް ކަމަށް ކަނޑައަޅައި، ބޮޑެތި ޖޫރިމަނާތަކެއް ހިމެނޭ އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނަށް އަމަލުކުރަން ފަށައިފިއެވެ. މި ގާނޫނު ތަސްދީގުކުރައްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
އާ ގާނޫނުގެ ދަށުން، ފަރުވާކުޑަކޮށް ދުއްވުމުގެ ކުށުގައި 25،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ ކުށެއްގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ، ޖޫރިމަނާގެ އަދަދު 100،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދަށް އިތުރުވާނެއެވެ. މީގެ އިތުރުން ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ދައުވާ ވެސް ކުރެވިދާނެއެވެ.
ހަމައެއާއެކު، މިފަދަ ކުށްތައް ކުރާ ފަރާތްތަކުގެ ލައިސަންސް ފަސް އަހަރާއި ދިހަ އަހަރާ ދެމެދުގެ މުއްދަތަކަށް ބާތިލުކުރެވޭނެ ކަމަށާއި، ލައިސަންސް ނެތި ކުށްކުރާ ފަރާތްތަކަށް ވެސް އެ މުއްދަތަށް ލައިސަންސް ނެގުމުގެ ހައްގު ގެއްލޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. މުއްދަތު ހަމަވުމަށްފަހު ލައިސަންސް ދޫކުރެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަކުރުމާއެކު، އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ފުރިހަމަކުރުމުންނެވެ.
އަދި ޕަސިންޖާ ސީޓުގައި އިންނަ މީހަކަށް އުޅަނދުގެ ކޮންޓްރޯލް ދޫކޮށްލުމަކީ ވެސް ކުށެއް ކަމަށް ކަނޑައަޅައި، 25،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ 50،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
ކޮމެންޓު ފޮނުވާ