ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ދެވަނަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު އެ އިދާރާއިން ހުޅުވާލައިފިއެވެ.
މުޅި ރާއްޖެ ޝާމިލުކޮށްގެން ފުޓުބޯޅަ ކުރިއެރުވުމުގެ މަގުސަދުގައި މިދިޔަ އަހަރު ފެށި މި މުބާރާތުގެ މި ފަހަރުގެ އެޑިޝަން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުއެވެ. ބައިވެރިވުމަށް އެދޭ ރަށްތަކުން މި މަހުގެ 20 ގެ ކުރިން އެފްއޭއެމްގެ ވެބްސައިޓު މެދުވެރިކޮށް ފޯމު ހުށަހަޅަން ޖެހޭ ކަމަށާއި، ޓީމުތައް ކަށަވަރުވުމުން ރީޖަންތަކުގައި މެޗުތައް ކުޅޭނެ ތާރީޚުތައް ހާމަކުރާނެ ކަމަށް އެފްއޭއެމް އިން ބުނެއެވެ.
ރާއްޖޭގެ ފުޓުބޯޅަ ހަތަރު ރީޖަނަކަށް ބަހާލައިގެން، އެޓޯލް ޗެމްޕިއަންޝިޕުން ފެށިގެން ދިވެހި ޕްރިމިއަރ ލީގާ ހަމައަށް ވާސިލުވެވޭ ނިޒާމު ފާއިތުވި ސީޒަނުގައި ވަނީ ތައާރަފުކޮށްފައެވެ. މި އުސޫލުގެ ދަށުން މުބާރާތުން ކާމިޔާބު ހޯދާ ޓީމުތަކަށް ޒޯން ބުރާއި، ރީޖަނަލް ކޮލިފިކޭޝަން އަދި ދިވެހި ލީގު ކޮލިފައިންގައި ވާދަކުރުމުގެ ފުރުސަތު ލިބެއެވެ. މި ނިޒާމުގެ ތެރެއިން މި މަހުގެ 10 ގައި ފަށާ ދިވެހި ޕްރިމިއަރ ލީގުން ޖާގަ ހޯދާފައިވާ ހއ. ދިއްދޫ އާއި ގދ. ގައްދޫ ވެސް މި ފަހަރުގެ ލީގުގައި ވާދަކުރާނެއެވެ.
ކޮމެންޓު ފޮނުވާ