ހަލާލު ވިޔަފާރި، އިންވެސްޓްމަންޓް އަދި އިސްލާމީ އިޤްތިޞާދު ފުޅާކުރުމުގައި ދެ ފަރާތުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމިކް ޗޭމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓް (އައިސީސީޑީ)ގެ ސެކްރެޓަރީ ޖެނެރަލް ޝެއިޚް ޔޫސުފް ޙަސަން ޚަލާވީއާ މަޝްވަރާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި އިޙްތިރާމްގެ ބައްދަލުވުމުގައި، ފަތުރުވެރިކަން، ހޮސްޕިޓަލިޓީ އަދި ޤާބިލްކަން އިތުރުކުރުމުގެ އިތުރުން، ހަލާލު ފަތުރުވެރިކަން ތަރައްޤީކުރުމުގެ ފުރުޞަތުތަކާ ބެހޭ ގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. ޚާއްޞަކޮށް، ކާބޯތަކެތީގެ ސިނާޢަތުން ބޭރުގައި، ފައިނޭންސް، ބޭސް އަދި ފަތުރުވެރިކަން ފަދަ ދާއިރާތަކަށް ހަލާލު އިޤްތިޞާދު ފުޅާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑު ދާއިރާއަށް ވެފައި، ޚާރިޖީ ފައިސާ ހޯދުމުގެ މައިގަނޑު ވަސީލަތް ކަމުގައި ވުމުން، މިއީ ދެ ފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ މުހިންމު ދާއިރާއެއް ކަމުގައި ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ޝެއިޚް ޚަލާވީވަނީ ރައީސުލްޖުމްހޫރިއްޔާއަށް، އަތުން ލިޔުއްވާފައިވާ ކީރިތި ޤުރްއާނުގެ މުޞްޙަފެއް ހަދިޔާކުރައްވާފައެވެ.
އައިސީސީޑީއަކީ 1977 ވަނަ އަހަރު އުފެއްދި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ދަށުން ހިންގާ ޖަމުޢިއްޔާއެއް ކަމަށާއި، 57 އިސްލާމީ ޤައުމެއްގެ ޕްރައިވެޓް ސެކްޓަރ ތަމްސީލްކުރާ ޖަމުޢިއްޔާއެއް ކަން ފާހަގަކުރެވެއެވެ. މި ޖަމުޢިއްޔާގައި ރާއްޖެ ތަމްސީލްކުރަނީ މޯލްޑިވްސް ނޭޝަނަލް ޗޭމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީގެ ފަރާތުންނެވެ.
ކޮމެންޓު ފޮނުވާ