ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް 6 ފްލެޓު ކައިރީގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި ސައިކަލެއްގައި ދިޔަ ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނިގޮތުގައި، ހެނދުނު 8:00 ހާއިރު ހިނގި މި އެކްސިޑެންޓު ދިމާވީ ހިތިގަސްމަގުން އުތުރަށް ދުއްވާފައި ދިޔަ ސައިކަލެއްގެ ކުރިމަތިން ކުޑަކުއްޖަކު ކުއްލިއަކަށް މަގު ހުރަސްކުރުމުންނެވެ. ކުއްޖާގެ ގައިގައި ނުޖެހި ސަލާމަތްވާން މަސައްކަތްކުރުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލުން ނެއްޓި ވެއްޓި، އޭގައި ތިބި ދެ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.
ފުލުހުން ދިޔައިރު މަގު ހުރަސްކުރި ކުއްޖާ އެ ސަރަހައްދު ދޫކޮށް ގޮސްފައިވާއިރު، ފަހުން އެ ކުއްޖާއާ ބައްދަލުކޮށް، އެއީ ހިނގާފައި ދިއުން މަނާ ސަރަހައްދެއްކަން އަންގައި ނަސޭހަތްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މީގެ ދެ ދުވަހެއް ކުރިން ހޮނިހިރު ދުވަހުގެ ރޭ ހަމަ މި ސަރަހައްދުގައި، ވިނަރެސް 7 ކައިރީގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ކުޑަކުއްޖަކު އިއްޔެ ރޭ ނިޔާވެފައި ވުމެވެ. ހުޅުމާލޭގައި ވެހިކަލް ގިނަވުމާއެކު، މަގުމަތީގެ ގަވާއިދާ ހިލާފަށް ދުއްވުމުގެ ސަބަބުން އެކްސިޑެންޓުތައް ދަނީ އާންމުވަމުންނެވެ.
ކޮމެންޓު ފޮނުވާ