ސްޓެލްކޯގެ ލީގަލް މެނޭޖަރު އަދި ކުރީގެ ގާޒީ މުހައްމަދު ހަލީމް ދައްކަން ޖެހޭ 1.5 މިލިއަން ރުފިޔާގެ ދަރަނި އަދާނުކުރައްވާތީ، އޭނާގެ މުސާރައިން ކޮންމެ މަހަކު 8،000 ރުފިޔާ ކޯޓަށް ޖަމާކުރުމަށް ސްޓެލްކޯގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
މި ފައިސާ ދައްކަން އަންގާފައިވަނީ ލ. އަތޮޅު މީހަކަށެވެ. ދަރަނި ތަންފީޒުކުރުމުގެ މަރުހަލާގައި ހަލީމް ކޯޓުގައި ވިދާޅުވެފައިވަނީ ފައިސާ ދެއްކޭނެ ގޮތެއް ނެތް ކަމަށެވެ. ނަމަވެސް އޭނާގެ މާލީ ހާލަތު ބެލިއިރު، ސްޓެލްކޯއިން މަހަކު 48،000 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވާކަން ކޯޓަށް ވަނީ އެނގިފައެވެ.
އެހެންކަމުން 1.5 މިލިއަން ރުފިޔާ ހަމަވަންދެން ކޮންމެ މަހަކު 8،000 ރުފިޔާ ކޯޓަށް ޖަމާކުރުމަށާއި، ހަލީމް ސްޓެލްކޯގެ ވަޒީފާއިން ވަކިވެއްޖެނަމަ އެކަން ކޯޓަށް އެންގުމަށްވެސް ސްޓެލްކޯއަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ނިންމެވީ ގާޒީ ރިޒްމީނާ އިދުރީސްއެވެ.
ދައްކަން ޖެހިފައިވާ 1.5 މިލިއަން ރުފިޔާއަކީ، ދީބާޖާ އިންވެސްޓްމެންޓާއި ދައުލަތާ ދެމެދު ސުޕްރީމް ކޯޓުގައި ހިނގި މައްސަލައެއްގެ ގާނޫނީ މަސައްކަތްތަކާ ގުޅޭ ފައިސާއެކެވެ. އެ މައްސަލައިގައި ހަލީމްއާއެކު ދީބާޖާގެ ފަރާތުން ވަކާލާތު ކުރެއްވީ، ޖޭއެސްސީގެ މިހާރުގެ ރައީސް ހުސްނީ މުބާރިކެވެ.
ހަލީމް ސްޓެލްކޯގެ ލީގަލް މެނޭޖަރުކަމުގެ މަގާމަށް އައްޔަންކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި 2022 ވަނަ އަހަރުއެވެ. މީގެ ކުރިންވެސް ފައިސާގެ މައްސަލަތަކުގައި ހަލީމްގެ މައްޗަށް ހުކުމްކޮށްފައި އެބަހުއްޓެވެ.
ކޮމެންޓު ފޮނުވާ