ކޮންމެ ހަފްތާއަކު ކޮންމެވެސް ސިފައެއްގައި ނޫސްވެރިންނާ ބައްދަލުކުރަން: ރައީސް

ކޮންމެ ހަފްތާއަކު ކޮންމެވެސް ސިފައެއްގައި ނޫސްވެރިންނާ ބައްދަލުކުރަން: ރައީސް

Author
އަހުމަދު
31 އޮގަސްޓް 2026 10:01
0

ހުރިހާ މީޑިއާތަކަށް ހުޅުވާލައިގެން ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތާ ދެ މަސް ފަހުން، ކޮންމެ ހަފްތާއަކު ވެސް ކޮންމެވެސް ސިފައެއްގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ރިސޯޓުތަކުގެ ޑޮލަރު އާމްދަނީގެ %40 މާރު ކުރަން މަޖުބޫރުވާ ގޮތަށް މަޖިލީހުން ފާސްކުރި ބިލު ހިމެނޭހެން، ހަތް ބިލެއް ތަސްދީގު ކުރެއްވުމަށް ފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، 'ދައުރު’ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ބައްދަލުވުމުގައި ސުވާލު ކުރުމަށް ހުޅުވާލީ ހަމައެކަނި ބިލުތަކާ ގުޅިގެންނެވެ. ނަމަވެސް 'ދައުރު’ން ތަކުރާރުކޮށް ސުވާލު ކުރި، މީގެ ހަތަރު މަސް ކުރިން އެޕްރީލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުފެއްދި ދެ ސުވާލަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި ރައީސް ވިދާޅުވީ، ސުވާލު ކުރެވޭނީ މިއަދުގެ މައުލޫގެ ތެރެއިން ކަމަށެވެ. އެ ދެ ސުވާލަކީ ބިޑް ކުރުމެއް ނެތި އެމްޓީސީސީން އަމިއްލަ ބަޔަކާއެކު ހަދާފައިވާ 13 މިލިއަން ރުފިޔާގެ ޓެކްސީ އެޕްގެ މައްސަލައާއި، އެމްއޭސީއެލްއިން "ގޭގައި މަސައްކަތްކުރާ ގޮތަށް" ބޮޑު މުސާރައިގައި 80 މުވައްޒަފުން ނެގި ކަމަށް ބުނާ މައްސަލައާ ގުޅޭ ސުވާލެވެ.

"އަޅުގަނޑު ކޮންމެ ހަފްތާއަކު ނޫސްވެރިންނާ ބައްދަލުކުރަން. މި މާލަމުގައި ޕްރެސްއެއް ނުބޭއްވި ހިނގައިދާނެ. އެކަމަކު އެއްވެސް ހަފްތާއެއް ނިމިގެން ނުދާނެ ކޮންމެ ވެސް މީޑިއާއަކާއެކު އަޅުގަނޑު އިންޓްރެކްޓް ނުކޮށް،" ރައީސް ވިދާޅުވި އެވެ.

ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އިއުލާން ކުރެއްވީ، މިއަހަރު މަޖިލިސް ހުޅުވި ޖަލްސާގައި އިއްވި ރިޔާސީ ބަޔާނުގަ އެވެ. ނަމަވެސް އެންމެ ފަހުން ހުރިހާ މީޑިއާތަކަށް ހުޅުވާލައިގެން ބައްދަލުވުމެއް ބޭއްވީ މިދިޔަ ޖޫން 29 ގަ އެވެ.

ކޮންމެވެސް ސިފައެއްގައި މީޑިއާއާ ބައްދަލުކުރައްވާ ކަމަށް ރައީސް އިޝާރާތް އެ ކުރެއްވީ، ރައީސް އޮފީހުން ގެނެސްދޭ 'ނޭޝަން ޗެޓް' އަދި 'ޕަލްސް' ފަދަ ޕޮޑްކާސްޓްތަކަށެވެ. ނަމަވެސް އެ ޕޮޑްކާސްޓްތަކުގައި ފުރުސަތު ދެނީ ރައީސް އޮފީހުން ބޭނުންވާ ވަކި މީޑިއާތަކަކަށް، ހަފްތާއަކަށް ކަނޑައަޅާ ވަކި މައުލޫއަކުން އެކަންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.