ގަވާއިދާ ޚިލާފަށް ޑޮލަރުގެ ވިޔަފާރިކުރި ހަ ބިދޭސީއަކު ހައްޔަރުކޮށްފި؛ 54 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ފެންމަތިވެއްޖެ

ގަވާއިދާ ޚިލާފަށް ޑޮލަރުގެ ވިޔަފާރިކުރި ހަ ބިދޭސީއަކު ހައްޔަރުކޮށްފި؛ 54 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ފެންމަތިވެއްޖެ

Author
އަހުމަދު
31 އޮގަސްޓް 2026 09:59
0

ހުއްދަނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރި ހަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށް ދައުލަތުގެ ކަމާގުޅޭ މުއައްސަސާތައް ގުޅިގެން އެކުލަވާލި ހާއްސަ ޓާސްކްފޯސްއިން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ހަތަރު މީހަކާއި އިންޑިއާގެ ދެ ރައްޔިތެއް ކަމަށް ފުލުހުން ބުންޏެވެ. އެއީ ބަންގްލަދޭޝްގެ މުހައްމަދު ރާހުލް އަމީނާއި، މައްސޫޑް މިއާ އާއި، އެމްޑީ ފަރީދުއްދީނާއި، މުހައްމަދު މަހަމޫދު ހަސަން އަދި އިންޑިއާގެ މުހައްމަދު އަސަތު ކަލަންދަރު ހުސެއިނާއި ދުލްކަރާއީ އިމްރާންހާން އެވެ.

މި މައްސަލައިގެ ތަހުގީގުން މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ބަލާއިރު، ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި މި ހަ މީހުންގެ އެކައުންޓްތަކުގައި ޖުމްލަ 54،429،550 ދިވެހި ރުފިޔާ އަދި 1،627،810 އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ބިދޭސީންނަކީ ރާއްޖޭގައި މަސައްކަތް ކުރުމަށް ހުއްދަދެވިފައިވާ ދާއިރާގެ ބޭރުން، ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން އައި ބައެއް ކަމަށްވެސް ތަހުގީގަށް ވަނީ އެނގިފަ އެވެ.

ފުލުހުން ބުނީ، ބައެއް ދިވެހިންގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކާއި، އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް ބޭނުންކޮށްގެން މި ފަދަ ގާނޫނާ ހިލާފު މުއާމަލާތްތައް ބިދޭސީން ހިންގަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، އެއްވެސް ފަރާތެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓެއް، އެހެން ފަރާތަކުން ހިންގާ ގާނޫނާ ހިލާފު އަމަލުތަކަށް ދޫކުރުމަކީ އެ އެކައުންޓުގެ ވެރިފަރާތުގެ މައްޗަށްވެސް ކުށުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށް ފުލުހުން ވަނީ ހަނދާންކޮށްދީފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.