އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ ނައިބު މާލީގެ މަގާމަށް، އެ ޕާޓީގެ ކުރީގެ ނައިބުރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އައްޔަނުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 34 މެންބަރުންގެ ތެރެއިން 30 މެންބަރުންގެ ވޯޓާއެކު ޝިއްޕެ އެ މަގާމަށް އައްޔަނުކުރަން ފާސްކުރި އިރު، މި މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު އަބްދުﷲ އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ، ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ ކެމްޕޭނުގައި ހަރަކާތްތެރިވެވަޑައިގަތުމަށެވެ.
އެމްޑީޕީގައި ކުރިން އިސް ދައުރެއް އަދާކުރެއްވި ޝިއްޕެ 2023 ވަނަ އަހަރު އެ ޕާޓީން ވަކިވެވަޑައިގެންނެވީ ޕާޓީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ. އޭގެ ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ނައިބުރައީސްކަން ވެސް ކުރެއްވުމަށްފަހު، އޭނާ އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ޖެނުއަރީ 11، 2025 ގަ އެވެ. ޝިއްޕެއާ އެކު، މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ވެސް އެ ދުވަހު އެމްޑީޕީއާ ގުޅިވަޑައިގެންނެވި އެވެ.
ކޮމެންޓު ފޮނުވާ