ސުޕަމެޖޯރިޓީ އެމްޑީޕީގެ ވިސްނުން ހުރީ އިންތިޚާބު ޖޫންމަހަށް ފަސްކުރުމަށް

ސުޕަމެޖޯރިޓީ އެމްޑީޕީގެ ވިސްނުން ހުރީ އިންތިޚާބު ޖޫންމަހަށް ފަސްކުރުމަށް

Author
މުޙައްމަދު ޝަޒައިމް
17 ޖެނުއަރީ 2021 12:59
0

ކޯވިޑް19 އާއި ގުޅިގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެނައުމަށް މަޖިލީހުން ކުރަމުންދާ މަސައްކަތުގައި އިންތިޚާބު ޖޫންމަކަށް ފަސްކުރުމަށް އެމްޑީޕީގެ މެމްބަރުން ޚިޔާލު ހުށަހަޅުއްވައިފިއެވެ.

އިންތިޚާބުގެ ޚާއްސަ ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެނެސް އިންތިޚާބު ބޭއްވޭނެ ޤާނޫނީ ހައްލެއް ހޯދުމަށް މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީގެ މެމްބަރުންގެ ވިސްނުން ހުރީ މިވަގުތު ތެޅި ފޮޅިގެން އިންތިޚާބު ބޭއްވުމުގެ ބަދަލުގައި ހަމަޖެހިލައިގެން، ޤާނޫނީ ގޮތުންވެސް އެއްވެސް ހުރަހެއް ކުރިމަތި ނުވާނެގޮތަކަށް އިންތިޚާބު ބޭއްވުމަށެވެ.

މިބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ އިންތިޚާބުގެ ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ގައިޑް ލައިންތަކަކާއި އެއްގޮތަށް އިންތިޚާބު ބޭއްވުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުތަކަށް ބަދަލު ގެނައުން ކަމަށެވެ. ސަރުކާރުން މިވަގުތު ރައްޔިތުންނަށް ކަށަވަރު ކޮށްދޭންޖެހޭ އެންމެ މުހިންމު ހައްގުތަކަކީ ކޯވިޑްގެ ނުރައްކާތެރިކަން ކުޑަކޮށް ބަލި ކޮންޓްރޯލް ކުރުންކަމަށް ސަލީމް ވިދާޅުވިއެވެ. އަދި މިއާއިއެކު ރައްޔިތުންގެ ބާރުވެރިކަން ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލުންކަމަށެވެ. ނަމަވެސް ޞިއްޚީ ކުއްލި ނުރައްކަލުގެ މިހާލަތުގައި މި ދެކަންތައް އެއްފަހަރާ ކުރާނެ ގޮތެއް ނުވިސްނޭކަމަށް ސަލީމް ވިދާޅުވިއެވެ.

ނިމިގެން މިދާ 15 ވަނަ ދުވަހުގެ ތެރޭގައި 600 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެއްޖެ. އަޅުގަނޑުމެން ވިސްނަންވީ މިއީ އެންމެ ރަނގަޅުވަގުތޯއޭ އިންތިޚާބު ބާއްވަން. އަޅުގަނޑުމެނަށް ވެކްސިންއާއި ވަރަށް ގާތަށް އާދެވިފަ މިވަނީ. މިމަހުގެ ތެރޭގައި ވެކްސިން ގެނެވޭތޯ ސަރުކާރުން މަސައްކަތް ކުރަނީ. ވެކްސިން ގެނެސް މޭމަހާއި ހަމަޔަށް މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެކްސިންދީ ނިމޭނެކަމަށް ސަރުކާރުން ލަފާކުރަނީ. އަޅުގަނޑު ދެކެނީ ޖޫން މަހާއި ހަމަޔަށް އިންތިޚާބް ފަސްކޮށްފިނަމަ ކިތަންމެ ޚަރަދަކުން ސަލާމަތްވެ، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ފުރުސަތު ލިބިގެންދާނެއޭ.

– ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މިހާލަތަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމަށް ބޭނުންވާ ޚަރަދުތައްވެސް ކުރުމަށް ފައިސާ ނުލިބިގެން އުޅޭ ދުވަސްވަރަކަށްވާއިރު، 50 މިލިޔަން ރުފިޔާ މިދަނޑިވަޅުގައި ޚަރަދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ ސުވާލު ކުރައްވާފައެވެ. މިބިލަށް ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އިންތިޚާބުގެ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުތަކާއި، ކެންޑިޑޭޓުންނަށް ކެންޕެއިން ކުރުމަށް ދޭންޖެހޭ މުއްދަތުތަކަކީ ޤާނޫނުން ހަނި ކުރެވޭނެ މުއްދަތު ތަކެއް ނޫންކަމަށެވެ. އެހެންކަމަށް ވުމުން އިންތިޚާބު މިހާލަތުގައި ބޭއްވުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމަށެވެ.

ބިލަށް ވާހަކަ ދެއްކެވި އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ އިންތިޚާބު މިހާރު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ތާރީޚުގައި އިންތިޚާބު ނުބޭއްވޭނެކަމަށް ވިދާޅުވެފައެވެ. އަދި ކޮމިޓީ މަރުހަލާގައި މިކަމަށް އިތުރަށް މަޝްވަރާކޮށް، އިންތިޚާބު ބޭއްވޭނެ އެންމެ ރަނގަޅު ވަގުތަކަމާއިމެދު ގޮތްތަކެއް ކަނޑައެޅިގެންދާނެކަމަށް އުންމީދު ކުރާކަމަށް ވިދާޅުވެފައެވެ.

މިބިލަށް ވާހަކަ ދެއްކެވި އިދިކޮޅު މެމްބަރުންވަނީ އިންތިޚާބު ބޭއްވުމަށް ސަރުކާރުން ފަސްޖެހެނީ ބޮޑުތަނުން އިންތިޚާބު ނާކާމިޔާބު ވާނެކަން ޔަގީންވާތީކަމަށް ވިދާޅުވެފައެވެ. އިންތިޚާބު ނުބޭއްވުމަށް ސަރުކާރުން ބަހަނާ ދައްކާއިރު، ސަރުކާރުން ބޭނުންވާ ތަންތަނަށް ދެވި، ބާއްވަން ބޭނުންވާ އިވެންޓުތައް ބާއްވާއިރު ކޯވިޑުގެ ނުރައްކަލެއް ނެތުމަކީ ދައްކާ ވާހަތަކާއި އަަމަލާއި ދިމާނުވާކަމުގެ ހެއްކެއް ކަމަށެވެ. އަދި އިންތިޚާބު ބޭއްވުމަށް ސަރުކާރުން ބޭނުން ނުވަނީ މިހާރު ހުރި ބާރުތައް ރައްޔިތުންނަށް ދޫކޮށްލަން ބޭނުން ނުވާތީކަމަށް އިދިކޮޅު މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.