ޓެލެގްރާމުގައި ގިނަ އަދަދެއްގެ ޗެނަލް ހަދައި، ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާންމުކޮށް، އެ ޗެނަލްތައް މެދުވެރިކޮށް ވިޔަފާރި ކުރި ތިން މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ އދ. މަހިބަދޫ ބަހާރުގެ، ޒުބައިރު އަލީ (45އ)، ކ. މާލެ ދަފްތަރު ނަންބަރު ރސ14751 ނާސިފް އަލީ (46އ) އަދި ކ. ކާށިދޫ ސިލިންކޯ، އިސްމާއީލް ރަބީހް (29އ) ގެ މައްޗަށެވެ. މި ތިން މީހުންގެ މައްޗަށް ވެސް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާއިރު، ޒުބައިރުގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ ދެ ދައުވާއެއް ވެސް ވަނީ އުފުލައިފަ އެވެ.
މަނީ ލޯންޑްރިންގެ ދައުވާގައި ތިން މީހުންގެ މައްޗަށް ވެސް ދެ އަހަރާއި ހަ މަހުގެ ޖަލު ހުކުމް އިއްވާފައިވެ އެވެ. އަދި ޖޫރިމަނާގެ ގޮތުގައި ޒުބައިރު 600،000 ރުފިޔާ، ނާސިފް 263،232 ރުފިޔާ އަދި އިސްމާއީލް 100،000 ރުފިޔާ ދެއްކުމަށް ވަނީ ހުކުމް ކޮށްފަ އެވެ. މީގެ އިތުރުން ޒުބައިރުގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާތަކުގައި އިތުރު ޖަލު ހުކުމްތަކެއް ވެސް ވަނީ އިއްވައިފަ އެވެ.
ފުލުހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، މި ތިން މީހުންނާ ގުޅުންހުރި 571 ޗެނަލެއް ސީޒް ކޮށްފައިވާއިރު، އެ ޗެނަލްތަކުގައި 241،651 ފޮޓޯއާއި 86،618 ވީޑިއޯ ޕޯސްޓު ކޮށްފައިވެ އެވެ. މީގެ ތެރޭގައި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 43 ޗެނަލެއް ވެސް ހިމެނެ އެވެ. މި ޗެނަލްތަކަށް 34،680 މީހުން ފައިސާ ދައްކައި ސަބްސްކްރައިބްކޮށްފައިވާއިރު، ސަބްސްކްރިޕްޝަން ފީގެ ގޮތުގައި ދެ މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް އެމީހުން ނަހަމަގޮތުގައި ހޯދާފައިވެ އެވެ.
ކޮމެންޓު ފޮނުވާ