އިދިކޮޅު ލީޑަރު ނުހައްގުން ޖަލުގައި ބާއްވައިގެން ބޭއްވޭނެ އިންސާފުވެރި އިންތިޚާބެއް ނެތް: ޝިޔާމް

އިދިކޮޅު ލީޑަރު ނުހައްގުން ޖަލުގައި ބާއްވައިގެން ބޭއްވޭނެ އިންސާފުވެރި އިންތިޚާބެއް ނެތް: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
17 ޖެނުއަރީ 2021 12:05
0

ރާއްޖޭގެ އިދިކޮޅު އެންމެބޮޑު ޕާޓީގެ ލީޑަރު، ރައީސް އަބްދުﷲ ޔާމީން ނުހައްގުން ޖަލުގައި ބާއްވައިގެން ބޭއްވޭނެ އިންސާފުވެރި އިންތިޚާބެއް ނެތްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް ޤާނުނަށް އިސްލާހު ގެނައުމަށްޓަކައި މަޖިލީހުގައި ބާއްވާ ދައުރުން ބޭރު ޖަލްސާގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ދައުރުން ބޭރުން މިޖަލްސާތައް ނުބާއްވާވެސް އިންތިޚާބު ބޭއްވެން އެބައޮތްކަމަށެވެ. އެޗްޕީއޭއިން ވަކި ގޮތެއް އިއުލާން ކުރުމުން އިންތިޚާބު ބޭއްވުމުގެ ބާރު އިލެކްޝަނަށް މިހާރުވެސް ލިބިގެންދާއިރު، މިކުރެވޭ ހުރިހާ މަސައްކަތަކީ އިންތިޚާބު ލަސްކުރުމަށް ކުރެވޭ މަސައްކަތެއް ކަމުގައި ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވީ އިންތިޚާބު އިންސާފުވެރި ނުވާނެކަން ދިވެހި ހުރިހާ ރައްޔިތުން ޤަބޫލު ކުރައްވާކަމަށެވެ. އިންސާފުވެރި އިންތިޚާބެއް ބޭއްވޭނީ، އިންތިޚާބުގައި ވާދަކުރާ ހުރިހާ ޕާޓީތަކަށާއި، ކެންޑިޑޭޓިންނަށް މިނިވަންކަމާއިއެކު ހަރަކާތްތެރިވުމުގެ ފުރުސަތުދީގެ ކަމަށެވެ. ނަމަވެސް މިއަދުވެސް ފެނިގެންދަނީ އިދިކޮޅު ލީޑަރު ރައީސް ޔާމީން ނުހައްގުން ޖަލަށްލައި އެމަނިކުފާނު ބަންދުކޮށްގެން އިންތިޚާބު ބޭއްވުމަށްކަމަށެވެ. ސަރުކާރުގެ ތެރެެއިން ފެނިގެންދަނީ މަޖިލިސް ބޭނުންކޮށް މުޅި ނުޒާމުގެ ބާރުވެރިކަން މުށު ތެރެއަށްލައި އިންސާފުގެ ހަމަ ނިގުޅައިގަންނަމުންދާ މަންޒަރުކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބު އިންސާފުވެރިވާނެ އެއްވެސް ހަމައެއް ނެތް. ރައީސް ޔާމީން ނުހައްގުން ޖަލުގައި ބާއްވައިގެން އިންސަފުވެރި އިންތިޚާބެއް ނުބޭއްވޭނެ. ރައީސް ޔާމީން ޖަލަށް ލުމުގެ އެންމެ އަޑީގައި ހުރި މީހާ ހުންނެވީ އޭސީ ކޮޓަރީގައި.

– ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެމްޑީޕީއަކީ ހޮޅުއަށީގައި ވާހަކަ ދައްކަން ވަރަށް މޮޅު ޕާޓީއެއްކަމަށެވެ. ރައްޔިތުންނަށް ހެޔޮ އެދޭ އަތްލެވޭ ތަރައްޤީއަކީ އެމްޑީޕީ ދަންނަ އެއްޗެއްނޫންކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ. ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކާއިއެކު ބޮޑު ބާރުތަކެއް ކައުންސިލްތަކަށް ދޭން ނިންމި ނަމަވެސް މިއަދު މިފެންނަނީ ކައުންސިލުތަކުގެ ބާރު ކަނޑުވާލައި އިތުރު ޤާނޫނެއް މަތިކޮށް، ކައުސިލްތައް ނިކަމެތި ކޮށްފައިވާ މަންޒަރުކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.