އާއިލާތަކާއި މުޖުތަމައުގެ ހަގީގީ އުފާވެރިކަން ގުޅިފައި އޮތީ އަންހެނުންގެ ގާބިލްކަން އިތުރުކޮށް، އެކަނބަލުން ބާރުވެރިކުރުވުމުގެ މައްޗަށް ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
"ވިލުންތެރި ކަނބަލުން" ޕްރޮގްރާމުން ދަސްވެނިވި އަންހެން ކަނބަލުންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ، ގައުމެއްގެ އިޖުތިމާއީ ހަށިގަނޑާއި ތަރުބަވީ މަދަރުސާގެ މުހިންމު ބަހާއަކީ އަންހެނުން ކަމަށާއި، ގައުމު ބިނާކުރުމުގެ ހުރިހާ ދާއިރާއެއްގައި ވެސް އެކަނބަލުންގެ ބައިވެރިވުން އޮންނަންވާނެ ކަމަށެވެ.
ދިރިއުޅުމުގައި ދިމާވާ ދަތި ކަންކަމުން އަރައިގަނެ، ހިތްވަރާއެކު ކުރިއަށް ދާން ދަސްކުރުމަކީ ކޮންމެ މީހަކަށްވެސް މުހިންމު ހުނަރެއް ކަން ފާހަގަކުރައްވައި، އޭގެ ސީދާ ފައިދާ އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން ގައުމަށް ކުރާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
އިސްލާމްދީނުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި އަދުލު ގާއިމުކޮށްދެއްވާފައިވާ ކަމަށާއި، އިސްލާމީ ތާރީހުގައި ވެސް އަންހެނުންގެ ދައުރު އެތައް މައިދާނަކުން ފެނިގެންދިޔަ ކަން ސާޖިދާ ފާހަގަކުރެއްވި އެވެ. އަދި ދިވެހި އަންހެނުންގެ ވިސްނުންތެރިކަމާއި މަސައްކަތްތެރިކަން އަބަދުވެސް ގައުމަށް ބޭނުންވާ ކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް އަށް ބެޗެއްގައި 175 އަންހެނުން ވަނީ ދަސްވެނިވެފަ އެވެ. ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އެހެން މީހުންނަށް ބަރޯސާނުވެ، އަމިއްލަ ނަފްސަށް އިތުބާރު ބޮޑު، ފަންނީ ދާއިރާތަކުން ކުރިއެރޭނެ ބަޔަކަށް އަންހެނުން ހެދުމެވެ.
ކޮމެންޓު ފޮނުވާ