މާވަށުގައި މީހަކު މަރާލި މީހާ ކޯޓުގައި މަންޒަރު ކުޅެ ދެއްކުމުން މަރަން ހުކުމްކޮށްފި

މާވަށުގައި މީހަކު މަރާލި މީހާ ކޯޓުގައި މަންޒަރު ކުޅެ ދެއްކުމުން މަރަން ހުކުމްކޮށްފި

Author
އަހުމަދު
26 އޮގަސްޓް 2026 03:59
0

ލ. މާވަށުގައި މިދިޔަ އަހަރު ހިނގި ހަމަނުޖެހުމެއްގެ ތެރެއިން، އެ ރަށު ނަލަހިޔާ، މޫސާ އިބްރާހިމްގެ ކަރަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި، ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް މެރުމަށް ކްރިމިނަލް ކޯޓުން ހޯމަ ދުވަހު ހުކުމް ކޮށްފި އެވެ.

އިސްގާޒީ އާދަމް މުހައްމަދު ބެއްލެވި މި މައްސަލާގައި ތަފާތު ކަމަކީ، ހަމަލާދިން ގޮތް މުހައްމަދު ލައްވައި ކޯޓު ތެރޭގައި ކުޅުވުމެވެ. މިގޮތަށް ރާއްޖޭގެ ކޯޓެއްގައި ގާތިލެއް ލައްވައި ހަމަލާދިން މަންޒަރު ދައްކުވައިދިން މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިކަން ކުރެވެނީ ހަމައެކަނި ތަހުގީގު މަރުހަލާގަ އެވެ. މުހައްމަދުގެ ރުހުމާ އެކު، "ޑެމޮންސްޓްރޭޓިވް އެވިޑެންސް"ގެ ގޮތުގައި، މޫސަގެ އިސްކޮޅާ އެއްވަރުގެ މީހަކު ބޭނުންކޮށްގެން، ފޮރެންސިކް ޕެތޮލޮޖިސްޓެއްގެ ކުރިމަތީގައި މި މަންޒަރު ކުޅުވީ އިއުތިރާފް ކަށަވަރު ކުރުމަށެވެ.

މުހައްމަދު ކުށަށް އިއުތިރާފްވެ، ދައުލަތާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ވެސް ހެދި ނަމަވެސް، މެރުމުގެ ގަސްދު ނެތް ކަމަށް އޭނާ ބުނުމުން އެ އެއްބަސްވުން ބަލައިނުގަތުމަށް ކޯޓުން ނިންމި އެވެ. ނަމަވެސް، ހަމަލާދިނުމަށް ބޭނުންކުރީ މަސްތުވާތަކެއްޗަށްޓަކައި އަބަދުވެސް ގެންގުޅޭ ވަޅިއެއް ކަމާއި، ހަމަލާ އަށްފަހު މޫސައަށް އެހީނުވެ ފިލައި، ވަޅި މޫދަށް އެއްލާލައި، ޕޮލިސް ސްޓޭޝަނަށް ވަދެ އަމިއްލައަށް ގަޔަށް ފެން އެޅުމަކީ ހެކި ފޮރުވަން ކުރި ކަންކަން ކަމަށާއި، މިކަންކަމުން މެރުމުގެ ގަސްދު އޮތްކަން ސާފުވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

މޫސަގެ ހުރިހާ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށްވާތީ މުހައްމަދު މެރުމަށް ހުކުމް ކުރި ނަމަވެސް، އެ ހުކުމް ތަންފީޒުކުރެވޭނީ ސުޕްރީމް ކޯޓު މަރުހަލާ ވެސް ނިމި، އެ ހުކުމް ދަމަހައްޓައިފި ނަމަ އެވެ. ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒުކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.