ހުޅުމާލޭގައި ތަރައްޤީކުރާ ރާއްޖޭގެ އެންމެ ބޮޑު ވަޤްފު ޢިމާރާތް ކަމަށްވާ "ދާރުއްސަލާމް"ގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށިއްޖެއެވެ. ބާރަ ފަންގިފިލާގެ މި ބިޔަ ޢިމާރާތް، 20،000 އަކަފޫޓުގެ ބިމެއްގައި (ޕްލޮޓް ނަންބަރު 11646) ބިނާކުރުމަށް ހަމަޖެހިފައި ވަނީ 244.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެންނެވެ.
މި މަޝްރޫޢު ދެ އަހަރުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައި ވަނީ އާރް.ސީ.ސީއާއެވެ. ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އިސްލާމީ ކަންކަން ކުރިއެރުވުމަށް ބޭނުންވާ މާލީ ތަނަވަސްކަން ހޯދުމުގެ މަޤްޞަދުގައި ތަރައްޤީކުރާ މި ޢިމާރާތުން ލިބޭ އާމްދަނީ ޚަރަދުކުރާނީ، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކަށެވެ. މީގެ އިތުރުން، ތިލަދުންމަތި، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ހުވަދު އަތޮޅުގައި ވެސް މިފަދަ ވަޤްފު ޢިމާރާތްތައް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ކޮމެންޓު ފޮނުވާ