މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުގައި ފަތުރުވެރިކަމުގެ ސިނާއަތު ހީނަރުވެއްޖެ ނަމަ، އޭގެ އަސަރު ދިވެހި ކޮންމެ އާއިލާއަކަށްވެސް ކުރާނެ ކަމަށާއި، އިގްތިސާދި ހަމަ މަގަށް އެޅުވުމުގައި ޓުއަރިޒަމް އިންޑަސްޓްރީގެ އަޑު އަހަންޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހިދު ފަތުރުވެރިކަން ސިފަކުރައްވާފައިވަނީ ދިވެހިންގެ "ރަން ބިސް އަޅާ ކުކުޅު"ގެ ގޮތުގައެވެ. އެހެންނަމަވެސް، އެ ކުކުޅުގެ ބަނޑު މިހާރު ފަޅާލާފައިވާ ކަމަށާއި، އިންވެސްޓަރުންގެ އިތުބާރު ގެއްލި، ދިވެހި އިގްތިސާދުގެ މައިބަދަ ބިންދައިގެން ގޮސްފައިވާކަމަށް ކަމަށް މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވިއެވެ.
ދައުލަތަށް ލިބޭ ބޭރު ފައިސާ "ޗާލާކީ ކަންކަމަށް" ޚަރަދު ކުރަމުންދާ ކަމަށް ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، "ސަރުކާރަށް މިލިބޭހާ ޑޮލަރެއް މި ޚަރަދު ކުރަނީ ބޮޑެތި ފަޅު ހިއްކަން، ނުވަތަ ޑްރޯން ގަންނަން، ނުވަތަ ބަރު ހަތިޔާރު ގަންނަން، ނުވަތަ ހަވާ އަރުވަން. ރައްޔިތު މީހާގެ ބޭނުންތަކާމެދު މިސަރުކާރުން ނުވިސްނާ،" ކަމަށެވެ.
ސިނާޢަތުގެ އަޑު އަހައި، މުރަނަ ސިޔާސަތުތަކުން ދުރުހެލިވުމަށް ސަރުކާރަށް އިލްތިމާސް ކުރައްވަމުން ޝާހިދު ވިދާޅުވީ، "އިގްތިސާދު ހަމަމަގަށް އެޅުވޭނީ އިންޑަސްޓްރީގެ އަޑު އަހައިގެން. މިރާއްޖޭގެ އިގްތިސާދު ފުނޑިގެން ދިއުމަކީ އަޅުގަޑުމެން އެއްވެސް މީހެއްގެ މަސްލަހަތު އޮތްކަމެއް ނޫން،" ކަމަށެވެ.
ކޮމެންޓު ފޮނުވާ