އީރާނާ އެކު ވިޔަފާރިކުރާ ކޮންމެ ގައުމަކަށް ޑޮލަރުގެ ދޮރު ބަންދު: އެމެރިކާ

އީރާނާ އެކު ވިޔަފާރިކުރާ ކޮންމެ ގައުމަކަށް ޑޮލަރުގެ ދޮރު ބަންދު: އެމެރިކާ

Author
އަހުމަދު
25 އޮގަސްޓް 2026 07:39
0

އީރާން ދުނިޔޭގެ މާލީ ނިޒާމުން މުޅިން އެކަހެރިކޮށްލުމުގެ ބޭނުމުގައި "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް"ގެ ނަމުގައި ބޮޑު އިގްތިސާދީ ކެމްޕެއިނެއް އެމެރިކާއިން އިއުލާނުކޮށްފި އެވެ.

"އިގްތިސާދީ ޑީ-ޑޭ"ގެ ގޮތުގައި ސިފަކުރައްވައި މި ފިޔަވަޅުތައް އިއުލާނު ކުރެއްވީ އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް އެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާނަށް މާލީ ގޮތުން އެހީވާ ކޮންމެ ފަރުދެއް، ކުންފުންޏެއް ނުވަތަ ބޭންކެއް ވެސް އެމެރިކާ ޑޮލަރުގެ ނިޒާމުން މުޅިން ބޭރުކޮށްލާނެ އެވެ.

މި ފިޔަވަޅުތަކުގެ ދަށުން އެމެރިކާއިން ޚާއްސަކޮށް އަމާޒުހިފާފައި ވަނީ އީރާނުގެ ފަސް ދާއިރާއަކަށެވެ. އެއީ ކަނޑާއި ވައިގެ ދަތުރުފަތުރު، ތެލުގެ ވިޔަފާރި، ރަނުގެ ވިޔަފާރި، ޓެކްނޮލޮޖީ އެތެރެކުރުން، އަދި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބޭނުންކުރާ ކްރިޕްޓޯކަރަންސީ ނެޓްވޯކްތަކެވެ. ފުރަތަމަ ބުރުގައި އެކަނިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން 60 އަށްވުރެ ގިނަ ފަރުދުންނާއި ކުންފުނިތަކާއި އުޅަނދުފަހަރާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާއިރު، އޭގެ ތެރޭގައި އީރާނުގެ ތެޔޮ ބޭރުކުރުމުގައި އެހީވި ކަމަށް ތުހުމަތުކުރެވޭ ޗައިނާގެ ގިނަ ބަޔަކު ހިމެނެ އެވެ.

އެމެރިކާއިން ދަނީ ޗައިނާ، ތުރުކީ އަދި ޔޫއޭއީ ފަދަ ގައުމުތަކަށް "އެމެރިކާއާ އެކު ވިޔަފާރި ކުރުން، ނުވަތަ އީރާނާ އެކު ވިޔަފާރި ކުރުން"ގެ ދެ ގޮތުން ކުރެ ގޮތެއް ހިޔާރުކުރުމަށް އަންގަމުންނެވެ. މި ފިޔަވަޅުތަކާ ދެކޮޅު ހަދައިފި ނަމަ ސެކަންޑަރީ ސަންކްޝަންސް އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ދަނީ ސީދާ ދުނިޔޭގެ ލީޑަރުންނަށް ފޯނުން ގުޅުއްވައި، އީރާނާ އެކު ވިޔަފާރި ހުއްޓާލުމަށް އެދިވަޑައިގަންނަވަމުންނެވެ.

މި އިއުލާނާއެކު ކަޅު ބާޒާރުގައި އީރާނުގެ ރިއާލްގެ އަގު ދުވަހަކު ވެސް ނުދާހާ ދަށަށް ގޮސް، އެމެރިކާ ޑޮލަރަކަށް 2.02 މިލިއަން ރިއާލަށް ވަނީ ވެއްޓިފަ އެވެ. ނަމަވެސް އީރާނުގެ އިކޮނޮމިކް މިނިސްޓަރު އަލީ މަދަނީޒާދާ ވަނީ "މި އިގްތިސާދީ ހަނގުރާމައަށް ފުރިހަމައަށް ތައްޔާރު" ކަމަށާއި ރައްދު ދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އީރާނުގެ ރޫހީ ލީޑަރުގެ އަސްކަރީ އިސް މުޝީރު މުހުސިން ރިޒާއީ ވަނީ އެމެރިކާއަށް އެހީވާ ގަލްފުގެ ކޮންމެ އަވަށްޓެރި ގައުމަކީ އަމާޒަކަށް ވާނެ ކަމަށާއި، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ އުޅަނދުތައް ހުއްޓުވަފާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.

އެމެރިކާއިން އަމިއްލައަށް އަޅާ ފިޔަވަޅުތަކަށް ތަބާވުމަކީ ޗައިނާގެ ގާނޫނުގެ ދަށުން ޣައިރުގާނޫނީ ކަމެއް ކަމުގައި ޗައިނާއިން ކުރިން ބުނެފައިވާތީ، މި މައްސަލަ ވަނީ އެމެރިކާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ޑިޕްލޮމެޓިކް ބޮޑު މައްސަލައަކަށް ވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.