އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމުން، ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ދައުލަތަށް ދައްކަން ޖެހުނު އެއް މިލިއަން ރުފިޔާ ދައްކައި ޚަލާސްކޮށްފިއެވެ.
މި ފައިސާ އެއްކޮށް ދައްކައި ޚަލާސް ކުރިކަން ދައުލަތުން އެންގުމާ ގުޅިގެން، މި މައްސަލަ ސިވިލް ކޯޓުން މިއަދު ވަނީ ނިންމައިފައެވެ. ކޯޓުގެ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެއް ލައްކަ ރުފިޔާ ދެއްކުމަށްފަހު، ބާކީ 900،000 ރުފިޔާ އަދީބު ދެއްކީ މިދިޔަ ހަފުތާގައެވެ.
އޮކްޓޫބަރު 5، 2020 ގައި ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް އިއްވި ޙުކުމުގައިވަނީ، 20 އަހަރުގެ ޖަލު ޙުކުމަކާއެކު ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޙުކުމުގައި އަންގައިފައި އޮތްނަމަވެސް، އެ ފައިސާ ނުދެއްކުމުން ދައުލަތުން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީއެވެ.
މި ޙުކުމަކީ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުން އަދީބަށް ދިން ލުއި އަދަބެކެވެ. ސިއްޙީ ސަބަބުތަކަކާ ހެދި ޖަލު ޙުކުމް ތަންފީޒުކުރީ ގޭ ބަންދުގައި ކަމަށްވާއިރު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަން ނިމުމުގެ ކުރިން އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތަށް ވަނީ މާފު ދެއްވައިފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި މި ޚިޔާނާތުން އެކަނިވެސް ދައުލަތަށް 1.5 ބިލިއަން ރުފިޔާ ގެއްލުނު ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ