ބޭރު ފައިސާގެ ގާނޫނުގައި ބުނާ ގޮތަށް ބޭންކުތަކަށް ޑޮލަރު މާރުކުރުމުގައި އިހުމާލުވެފައިވާ ދެ ރިސޯޓެއްގެ ނަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފިއެވެ.
އެ ދެ ރިސޯޓަކީ ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް އެވެ.
އެމްއެމްއޭގެ ކޮމްޕްލަޔަންސް ރިޕޯޓުގައި ބުނާ ގޮތުން، ރާއްޖޭގެ 78 ޕަސެންޓް ރިސޯޓުން ޑޮލަރު މާރުކުރުމުގެ އިލްތިޒާމް ފުރިހަމައަށް އަދާކުރި ނަމަވެސް، 20 ޕަސެންޓް ރިސޯޓުން މިކަން އެކަށީގެންވާ ގޮތެއްގައި ނުކުރެ އެވެ. ގެސްޓްހައުސް، ހޮޓާ، ސަފާރީ އަދި ހޯމްސްޓޭ ފަދަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިމެނޭ ކެޓަގަރީ "ބީ" ގެ 48 ޕަސެންޓް ތަނުން ޑޮލަރު މާރުކުރި އިރު، 37 ޕަސެންޓް ތަނުން އެއްވެސް ވަރަކަށް މާރެއް ނުކުރެ އެވެ. އަހަރަކު 15 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތައް ހިމެނޭ ކެޓަގަރީ "ސީ" ގައި މި ނިސްބަތް 29 ޕަސެންޓަށް އަރައެވެ.
ގާނޫނުގައި ބުނާ ގޮތުން، މާރުކުރެވޭ ޑޮލަރުގެ 90 ޕަސެންޓް ނަގަނީ އެމްއެމްއޭ އިންނެވެ. އޭގެ ތެރެއިން 30 ޕަސެންޓް ދިވެހި ބޭންކުތަކަށް ދޫކުރެ އެވެ. މި ފައިސާ ބޭނުންކުރަނީ ކާބޯތަކެތި އެތެރެކުރުމާއި، އާންމުންގެ ޒަރޫރީ ބޭނުންތަކަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ފައިސާ ފޯރުކޮށްދިނުމަށެވެ.
ޑޮލަރުގެ ރަސްމީ އަގަކީ 15.42 ރުފިޔާ ނަމަވެސް، ކަޅުބާޒާރުގައި މި ހަފްތާ ފެށުނުއިރު ޑޮލަރެއްގެ އަގު 22.10 ރުފިޔާއަށް އުފުލިފައިވެއެވެ. މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ ރާއްޖޭގައި، ޑޮލަރުގެ އަގު ބޮޑުވުމުގެ ސަބަބުން ބާޒާރުގައި ތަކެތީގެ އަގުތައް ވެސް ދަނީ އުފުލެމުންނެވެ.
ކޮމެންޓު ފޮނުވާ