މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސއްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ހަތް މީހަކު ހައްޔަރުކޮށްފިއެވެ.
އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ނ.މިލަދޫގެ އިތުރުން ހދ.ކުޅުދުއްފުށި އަދި ލ.ގަމުގައެވެ. އެގޮތުން ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނަކީ އެއަތޮޅު ހިރިމަރަދޫއަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި 18 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު، ކުޅުދުއްފުށީ ބަނދަރުމަތިން އެމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ސެލޯފިންކޮޅު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
ލ.ގަމުގައި ހިންގި އޮޕަރޭޝަަނަކީ މާމެންދޫއިން ގަމަށް ޑިންގީއެއްގައި މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ޖަނަވަރީ މަަހުގެ 14 ވަނަ ދުވަހު ގަމުގައި މަސައްކަތްކުރާ ފުލުހުންނާ ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 40 އަހަރުގެ ފިރިހެނަކާއި، 26 އަހަރުގެ ފިރިހެނަކާއި، 31 އަހަރުގެ ފިރިހެނެއްގެ އިތުރުން 20 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.
ގަމު މަތިމަރަދޫ އަވަށުން މި ހަތަރު މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގަން މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން 31 އަހަރުގެ މީހާ ވަނީ ދޫކޮށްލާފައެވެ. އަދި 20 އަހަރުގެ މީހާއަށް 15 ދުވަސް، 40 އަހަރުގެ މީހާއަށް 10 ދުވަސް، 26 އަހަރުގެ މީހާއަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މީގެއިތުރުން ނ. މިލަދޫން މަސްތުވާތަކެއްޗާއެކު 34 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާއިރު އެދެމީހުން ހައްޔަރުކޮށްފައިވަނީ ރަށުތެރެ ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް އެމީހުންގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 11 ރަބަރު ޕެކެޓް ފެނުމާ ގުޅިގެންނެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ