ގދ. ތިނަދޫން މީހުން ބޭލުވައި، ރަށް ފަޅުކޮށްލި ހާދިސާގައި ދިން އަނިޔާތަކަށް އަދިވެސް އިންސާފު ލިބިފައި ނުވާ ކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވެއްޖެ އެވެ.
ދެވަނަ ފަހަރަށް ތިނަދޫ އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރަން މިރޭ އެ ރަށުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ސައުދު ވިދާޅުވީ، ރަށުން ބޭލުވުމަށް ފަހު، ރެފިއުޖީންގެ ގޮތުގައި ކައިރި ރަށްރަށުގައި ތިނަދޫ ރައްޔިތުން އުޅުނު ނިކަމެތި ހާލު، މި ޖީލަށް އިހްސާސް ނުކުރެވޭނެ ކަމަށެވެ.
ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން އުފެއްދި ޔުނައިޓެޑް ސުވާދީބް ސަރުކާރު ރޫޅާލުމުގެ ނަމުގައި، ކުރީގެ ރައީސް އިބްރާހިމް ނާސިރު ބޮޑުވަޒީރަކަށް ހުންނަވައިގެން 1962 ވަނަ އަހަރު ތިނަދުއަށް ސިފައިން ފޮނުވި ހާދިސާގައި ރަށް ވީރާނާކޮށްލި އިރު، އެތައް ބަޔަކު ކަނޑުވެ މަރުވި އެވެ. އޭގެ ހަތަރު އަހަރު ފަހުން ދެވަނަ ފަހަރަށް ތިނަދޫގައި މީހުން ވަޒަންވެރިވުމުގެ ހުއްދަ ދިން ނަމަވެސް، ރަށަށް ދިޔައީ ލައިގެން ތިބި ހެދުމާ އެކު ހުސް އަތާ ކަމަށާއި، ހަނަފަސް ސަހަރެއްގެ ގޮތުގައި އޮތް ރަށުގައި، އަހަރެއް ދޮޅު އަހަރެއް ތެރޭގައި ދިރިއުޅެވޭ ފެންވަރަށް ގެތައް އެޅީ ފިސާރި ފޯރީގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ސައުދު ވިދާޅުވީ، އިންސާފު ހޯދައިދިނުމުގެ ގޮތުން ކުރީގެ ސަރުކާރުން ގާއިމުކުރި އޮމްބަޑްސްޕާސަންގެ އޮފީހުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް، ކައުންސިލުން އެ އޮފީހަށް ހުށަހެޅި މައްސަލަ ނިމުނު ގޮތް ސިއްރުކޮށްފައި ބޭއްވުމަކީ ބޭއިންސާފެއް ކަމަށެވެ. އެއީ އިތުރު އަނިޔާއެއް ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ. ނަމަވެސް، 2011 ވަނަ އަހަރުގެ އޮގަސްޓް 23 ގައި ރައީސް ނަޝީދުގެ ސަރުކާރުން ތިނަދޫ ރައްޔިތުންގެ ކިބައިން ރަސްމީކޮށް މާފަށް އެދުނު އެދުމަކީ ލިބުނު ތަސައްލީއެއް ކަމަށް ވެސް ސައުދު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިނުގަތުމަކީ "ތިނަދޫ 60″ ސަރުކާރުން ބަލައިނުގަންނަ ކަމުގެ ސިގްނަލެއް ކަމަށް ސައުދު ވިދާޅުވި އެވެ. އަދި ބޯހިޔާވަހިކަމުގެ ރިއަލް އެސްޓޭޓް މަޝްރޫއުތަކާއި، ސަރުކާރު އޮފީސްތަކާއި، މަތީ ތައުލީމާއި، ޒަމާނީ ފެންވަރުގެ ބޯޓުޔާޑަކާއި ފްލެޓް އެޅުމަށް ސަރުކާރަށް ހުށަހަޅާފައިވާ ކަމަށާއި، އެ ޕްރޮޖެކްޓުތައް އަވަހަށް ފެށުމަށް އޭނާ ގޮވާލެއްވި އެވެ.
ކޮމެންޓު ފޮނުވާ