ލާމަރުކަޒީ އިސްލާހުގެ ޕެޓިޝަންތަކަށް 2 ގަޑިއިރު ބަހުސްކުރަން ނިންމައިފި

ލާމަރުކަޒީ އިސްލާހުގެ ޕެޓިޝަންތަކަށް 2 ގަޑިއިރު ބަހުސްކުރަން ނިންމައިފި

Author
އަހުމަދު
23 އޮގަސްޓް 2026 08:58
0

ކައުންސިލްތަކުގެ ބިންތަކާއި އިމާރާތްތައް ސަރުކާރަށް އަތުލެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ދެ ޕެޓިޝަނަށް ޖުމުލަ 2 ގަޑިއިރު ބަހުސްކުރަން މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފި

ލޯކަލް ކައުންސިލްތަކުގެ ބިންތަކާއި އިމާރާތްތައް ސަރުކާރަށް އަތުލެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދެ ޕެޓިޝަނަށް ބަހުސްކުރުމަށް ކޮންމެ ޕެޓިޝަނަކަށް 1 ގަޑިއިރު، ޖުމުލަ 2 ގަޑިއިރުގެ ވަގުތެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ރޭ ނިންމައިފި އެވެ.

މި އިސްލާހަކީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި އިސްލާހެކެވެ. މި ބިލު ބޭރުކުރަން ގޮވާލައި އާންމުންގެ ޖަމިއްޔާގެ ފައުންޑަރު މިދުއަމް ސައުދު ހުށަހެޅި ޕެޓިޝަނަށް 2،300އަށް ވުރެ ގިނަ ސޮއި ލިބުނު އިރު، ސަރުކާރުން ބޭނުންވާ ގޮތަށް ބިލު ފާސްކުރަން ގޮވާލައި ސަރުކާރުން ހުށަހެޅި ޕެޓިޝަނަށް 10،150 ސޮއި ވަނީ ހަމަކޮށްފަ އެވެ. މަޖިލީހުގެ ތަޅުމުގައި ހާއްސަކޮށް ބަހުސްކުރަން ޖެހޭ ޕެޓިޝަނެއްގެ ގޮތުގައި ބެލުމަށް ކަނޑައަޅާފައި އޮންނަ ތްރެޝްހޯލްޑަކީ 2،100 ސޮއި އެވެ.

ކޮންމެ ޕެޓިޝަނަކަށް 1 ގަޑިއިރު ދިނުމަށް ކޮމިޓީގައި ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އަލިފުށި ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާން އެވެ. ކޮމިޓީގައި 11 މެންބަރުން ތިއްބެވި ނަމަވެސް ވޯޓުގައި ބައިވެރިވެވަޑައިގަތީ 5 މެންބަރުންނެވެ. 4 މެންބަރުންގެ ވޯޓާއެކު އެ ހުށަހެޅުން ފާސްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. ބަހުސްގެ ވަގުތު ބެހޭނީ މަޖިލީހުގެ ގަވާއިދުގެ 110 ވަނަ މާއްދާގައި ބުނާ ގޮތުގެ މަތިން، ކަނޑައެޅޭ ވަގުތުގެ 4 ބައި ކުޅަ 1 ބައި ޕާޓީތަކުގެ މެންބަރުންގެ ނިސްބަތުން، އަދި ބާކީ ވަގުތު މެންބަރުންގެ މެދުގައި ހަމަހަމަކޮށެވެ.

ސަރުކާރުގެ ޕެޓިޝަން ހުށަހެޅީ، އެއް މައްސަލައަކަށް ދެ ޕެޓިޝަން ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރުމަށް ފަހު އެވެ. އަދި ޕެޓިޝަނުގައި ސޮއިކުރުމަށާއި އިތުރު ސޮއި ހޯދުމަށް ސަރުކާރުގެ މުވައްޒަފުންނަށް ސަރުކާރުން އަންގާފައި ވެ އެވެ. ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް މި އިސްލާހު ހުށަހަޅާފައި މި ވަނީ، މިދިޔަ އޭޕްރީލް މަހު ބޭއްވި ކައުންސިލް އިންތިހާބުގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު އެވެ. އެ އިންތިހާބުގައި ހުރިހާ ސިޓީތަކާއި ބޮޑެތި ރަށްތަކުގެ ކައުންސިލްތައް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.