ކޯޓު އަމުރާ ޚިލާފުވެ އިމްރާން ސަރުކާރު ހޮސްޕިޓަލަށް؛ ޕީޓީއައި އިން ކޯޓަށް

ކޯޓު އަމުރާ ޚިލާފުވެ އިމްރާން ސަރުކާރު ހޮސްޕިޓަލަށް؛ ޕީޓީއައި އިން ކޯޓަށް

Author
އަހުމަދު
23 އޮގަސްޓް 2026 09:01
0

ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ސިއްހީ ފަރުވާ ދިނުމުގައި ސުޕްރީމް ކޯޓުގެ އަމުރާ ސަރުކާރުން ޚިލާފުވި ކަމަށް ބުނެ، ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައެއް އިމްރާންގެ ޕާޓީ، ޕާކިސްތާން ތަހްރީކޭ-އިންސާފް (ޕީޓީއައި) އިން ކޯޓަށް ހުށަހަޅައިފި އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ކުރި އަމުރުގައި ވަނީ ދެ ދުވަހުގެ ތެރޭގައި އިމްރާން، އަދިއާލާ ޖަލުން އިސްލާމްއާބާދުގައި ހުންނަ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލަށް ބަދަލުކޮށް، އޭނާގެ އަމިއްލަ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ދިނުމަށެވެ. ނަމަވެސް، އޭގެ ބަދަލުގައި އިމްރާން ގެންދިޔައީ ސަރުކާރުން ހިންގާ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އަށެވެ. އަދި މިދިޔަ ހުކުރު ދުވަހު ކުޑަ ވަގުތުކޮޅަކަށް ބަލައި ފާސްކުރުމަށް ފަހު ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ.

ޕީޓީއައިގެ ގާނޫނީ މުޝީރު ނައީމް ޕަންޖޫތާ އިއްޔެ ވިދާޅުވީ، މި މައްސަލައިގައި ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި ލޯ މިނިސްޓަރާއި އިންފޮމޭޝަން މިނިސްޓަރު ހިމެނޭ ގޮތަށް އޮފިޝަލުންނާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް އެދިފައިވާނެ ކަމަށެވެ. އަދި ސެޕްޓެމްބަރު މަހުގެ މެދަކާ ހަމައަށް އިމްރާން ބަހައްޓަންވާނީ ޑޮކްޓަރުންގެ ބެލުމުގެ ދަށުގައި ކަމަށް އެ ޕާޓީން ވަކާލާތު ކުރެ އެވެ.

އިމްރާން ބެއްލެވުމުގައި ބައިވެރިވި އޭނާގެ އަންހެން ކޮއްކޮ، އުޒްމާ ޚާން ވިދާޅުވީ ބޭބޭފުޅު ހަށިގަނޑު ދުޅަހެޔޮކޮށް ފެނުނު ނަމަވެސް، ޖަލުގައި ތަކުރާރުކޮށް އަނިޔާ ލިބެމުންދާ ކަމަށް އިމްރާން ވިދާޅުވި ކަމަށެވެ. މި ތުހުމަތުތަކާ ގުޅިގެން ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން އަދި ޖަވާބެއް ނުދެ އެވެ. ނަމަވެސް، އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ތަރާރު ވިދާޅުވީ އިމްރާން ސަރުކާރު ހޮސްޕިޓަލަކަށް ގެންދެވުނީ ސެކިއުރިޓީ ސަބަބުތަކަށްޓަކައި ކަމަށެވެ.

ސިޔާސީ މަގުސަދެއްގައި ކޮށްފައިވާ ދައުވާތަކެއް ކަމަށް އިމްރާން ވިދާޅުވާ މައްސަލަތަކެއްގައި، އޮގަސްޓް 2023 އިން ފެށިގެން އޭނާ ހުންނެވީ ޖަލުގަ އެވެ. ޕީޓީއައިގެ ލީޑަރުން ވިދާޅުވީ މި ހާދިސާގެ ސަބަބުން އަންނަ މަހު 27 ގައި މުޅި ޕާކިސްތާނުގައި ބޭއްވުމަށް ރާވާފައިވާ އިހްތިޖާޖު ރެލީގެ ތައްޔާރީތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.