މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން 92،000ރ. އަތުލި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި، މި ސްކޭމް ހިންގާފައިވަނީ ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ އޯޓީޕީ ކޯޑު ޝަރީކުކުރުމުންނެވެ. އެއަށްފަހު ގޮތް ނޭނގޭ ޓްރާންސެކްޝަނެއް ހިންގައި، އޭނާގެ އެކައުންޓުން އެ ފައިސާ ވަނީ ގެންގޮސްފަ އެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ. ތަހުގީގުގެ ތެރެއިން، ފައިސާ ޖަމާކުރި އެކައުންޓުގެ ވެރިފަރާތާއި، އެކަމުގައި ބައިވެރިވި އިތުރު މީހަކު ހޯދައި، ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަންގާރަ ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ.
ހައްޔަރުކުރީ ހއ. ހޯރަފުށި، ފައިންޕާކް، މުހައްމަދު ފަޒީލް (23) އާއި ގދ. ފިޔޯރީ، ފައިންބީޗް، އަބްޝަރު ރަޝީދު (23) އެވެ. ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ވަނީ ޖަހައިފަ އެވެ.
ނަމަވެސް، ފައިސާ ޖަމާކުރި ބޭންކް އެކައުންޓުގެ ވެރިފަރާތަކީ ދެ މީހުންގެ ތެރެއިން ކާކު ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ކޮމެންޓު ފޮނުވާ