މިއަހަރުގެ މިހާތަނަށް ދައުލަތުގެ ޖުމްލަ ހަރަދު 28.1 ބިލިއަން ރުފިޔާއަށް އަރައި، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް ކުރި ހަރަދު 30 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓް ދައްކާ ގޮތުން، މިމަހުގެ 13 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.1 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް، ހަރަދު ވަނީ 4.5 ބިލިއަން ރުފިޔާ ނުވަތަ 19.3 އިންސައްތަ އިތުރުވެ 28.1 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. މީގެ ސަބަބުން ބަޖެޓްގެ ޖުމްލަ ބެލެންސް މިހާރު ހުރީ 950.3 މިލިއަން ރުފިޔާގެ ޑެފިސިޓެއްގައި ކަމަށާއި، ނަމަވެސް ޕްރައިމަރީ ސާޕްލަސް 2.4 ބިލިއަން ރުފިޔާގައި ހުރި ކަމަށް ރިޕޯޓުގައި ބުނެ އެވެ.
ޓެކްސްގެ ގޮތުގައި މިއަހަރު ދައުލަތަށް 21.1 ބިލިއަން ރުފިޔާ ލިބުނު އިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 11.9 އިންސައްތައިގެ އިތުރުވުމެކެވެ. ވިޔަފާރި ފައިދާއިން ނަގާ ޓެކްސް 20.6 އިންސައްތަ، އިމްޕޯޓް ޑިއުޓީ 16.4 އިންސައްތަ، އަދި ޖީއެސްޓީ 7.9 އިންސައްތަ އިތުރުވެފައިވާ އިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު 90.1 އިންސައްތަ އިތުރުވެ 460.4 މިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ.
ހަރަދުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައިވަނީ ސަބްސިޑީއަށް ކުރި ހަރަދެވެ. ސަބްސިޑީއަށް 3.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 78.4 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން، މުސާރަ އާއި ޕެންޝަނަށް 9.4 ބިލިއަން، އިދާރީ ހަރަދުތަކަށް 15.0 ބިލިއަން، އަދި އާސަންދައަށް 1.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ނަމަވެސް ތަރައްގީގެ މަޝްރޫއުތައް ކަމަށްވާ ޕީއެސްއައިޕީއަށް ހަރަދުވެފައިވަނީ 3.6 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރު ހަރަދުކުރި 5.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 30 އިންސައްތައިގެ ދަށްވުމެކެވެ.
ކޮމެންޓު ފޮނުވާ