މި އަހަރުގެ އޯގަސްޓް މަހުގެ 13 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، މީގެ ތެރެއިން އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި އެކަނި 1.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ދައުލަތަށް ލިބުނު އާމްދަނީ ވަނީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 10.4 އިންސައްތަ އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީ އިން ލިބުނު އާމްދަނީ މަތިވުން ކަމަށް ފިނޭންސުން ފާހަގަކުރެއެވެ.
ޖުމްލަ ޓެކްސް އާމްދަނީގެ ގޮތުގައި 21.1 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މީގެ ތެރޭގައި ޓީޖީއެސްޓީ އިން 7.2 ބިލިއަން، ވިޔަފާރި ފައިދާއިން ނަގާ ޓެކްސްގެ ގޮތުގައި 5.4 ބިލިއަން، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.1 ބިލިއަން އަދި ގްރީން ޓެކްސްގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ރިސޯޓް ކުލީގެ ގޮތުގައި އެކަނި 1.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ނަމަވެސް، މި މުއްދަތުގައި ދައުލަތުގެ ޖުމްލަ ހަރަދު ވަނީ 28.1 ބިލިއަން ރުފިޔާއަށް އަރައި، ފާއިތުވި އަހަރަށް ވުރެ 19.3 އިންސައްތަ އިތުރުވެފައެވެ. ސަބްސިޑީއަށް އެކަނި 3.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، މިއީ ފާއިތުވި އަހަރަށް ވުރެ 78.4 އިންސައްތައިގެ އިތުރުވުމެކެވެ. މުސާރައާއި ޕެންޝަނަށް 9.4 ބިލިއަން، އިދާރީ ހަރަދުތަކަށް 15.0 ބިލިއަން، އަދި ދަރަނި އަދާކުރުމަށް 3.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ތަރައްގީގެ މަޝްރޫއުތަކަށް ޖުމްލަ 3.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރި ހަރަދު ފާއިތުވި އަހަރާ އަޅައި ބަލާއިރު 30 އިންސައްތަ ދަށްވެފައިވެއެވެ. މިހާތަނަށް ދައުލަތުގެ ބަޖެޓްގެ ޕްރައިމަރީ ސާޕްލަސް 2.4 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، ޖުމްލަ ބަޖެޓް ބެލެންސް ހުރީ 950.3 މިލިއަން ރުފިޔާގެ ޑެފިސިޓެއްގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ކޮމެންޓު ފޮނުވާ