އަނިޔާވެރި ގޮތަކަށް މަރާލި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް، ހަ މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު، މާދަމާ (ހޮނިހިރު ދުވަހު) ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.
އޭޕްރިލް 2017 ގައި ޔާމީން ދިރިއުޅުނު ގޭގެ ސިޑިގޮޅި ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރީ ހަ މީހެއްގެ މައްޗަށެވެ. އޭގެ ތެރެއިން ކުށް ސާބިތުވެ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޖަނަވަރީ 2022 ގައި ހުކުމްކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި ހުޅުމާލޭ ނަމްބަރު 11399 އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ. ދެން ތިބި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވެ އެ މީހުން ސަލާމަތްވިއެވެ.
އެހެންނަމަވެސް، ހައިޝަމާއި ޒިހާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ޑިސެންބަރު 31 ގައި ހައިކޯޓުން އެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އެންގިއެވެ. ޕީޖީ އޮފީހުގެ އެދުމުގެ މަތިން، ޝަރީއަތް ނިމެންދެން އެ ދެ މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ އަލުން ބަލަން ފެށީ މި އަހަރުގެ ފެބްރުއަރީ މަހު، ގާޒީ އިބްރާހިމް އިހުސާން، ގާޒީ މުހައްމަދު މިސްބާހު އަދި ގާޒީ އަލީ ނަދީމް ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. މާދަމާ ބޭއްވުމަށް ހަމަޖެހިފައިވަނީ ބެންޗުން މައްސަލަ ބަލަން ފެށިފަހުން ބާއްވާ ދެވަނަ އަޑުއެހުމެވެ. އަޑުއެހުން ކުރިއަށްދާނީ އޮންލައިންކޮށް، ވަގުތުން ދައްކާ ގޮތަށެވެ.
ފުލުހުންނާއި މަރު ކޮމިޝަނުގެ ތަހުގީގުތަކުން ދައްކާ ގޮތުގައި، ޔާމީން ރަޝީދު މަރާލީ ދީނީ ގޮތުން ހުރި ދެބަސްވުންތަކެއްގެ ސަބަބުންނެވެ.
ކޮމެންޓު ފޮނުވާ