ދިވެހި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށާއި، އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ބާރުވެރިކުރުވުމުގެ ގޮތުން، ޖުމްލަ 278 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު "އާރުވެރި މެޗިން ގްރާންޓް" ސްކީމް ފިޝަރީޒް މިނިސްޓްރީން މިއަދު އިފްތިތާހުކޮށްފިއެވެ.
ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން ތައާރަފުކުރި މި ސްކީމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއެވެ. މި ސްކީމުގެ ދަށުން ފާސްވާ މަޝްރޫއުތަކުގެ ހަރަދުގެ 40 އިންސައްތަ ހިލޭ އެހީގެ ގޮތުގައި ހަމަޖައްސައިދޭނެ ކަމަށާއި، އިސްކަންދޭ ހަތް ދާއިރާއެއް ކަނޑައަޅާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ސްކީމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މަސްވެރި ސިނާއަތުގައި ބޭނުންކުރާ ހަކަތަ މަދުކުރުމާއި، ދެމެހެއްޓެނިވި އުފެއްދުންތެރިކަން ކުރިއެރުވުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން، މެރިކަލްޗާ ތަރައްގީކުރުމާއި، އަގު އެއްކުރި މަހުގެ އުފެއްދުންތައް އިތުރުކުރުމާއި، އަންހެނުންނާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ. މި ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހާއްސަ ޕޯޓަލެއް މިހާރު ވަނީ ހުޅުވާލައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، 2023 ވަނަ އަހަރު ފެށި 64.8 މިލިއަން ޑޮލަރުގެ ޓްރާންސްފޯމް ޕްރޮޖެކްޓަކީ، ސައުތު ވެސްޓް އިންޑިއަން އޯޝަން ސަރަހައްދުގައި މަސްވެރިކަން މެނޭޖްކުރުން ވަރުގަދަކޮށް، ދިވެހި މަސްވެރި ސިނާއަތުގެ ވާދަވެރިކަން އިތުރުކުރުމަށް 2030 ވަނަ އަހަރާ ހަމައަށް ހިންގާ މަޝްރޫއެކެވެ.
ކޮމެންޓު ފޮނުވާ