ދުނިޔެ ދުވަހަކުވެސް ދެކެފައިނުވާ ފަދަ ވަރުގަދަ އިޤްތިޞާދީ ފިޔަވަޅުތަކެއް އީރާނާ ދެކޮޅަށް އަޅާނެ ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އިންޒާރު ދެއްވައިފިއެވެ.
ޓްރުތު ސޯޝަލްގައި ޓްރަމްޕް ލިޔުއްވި ޕޯސްޓެއްގައި، ޞުލްޙައިގެ އެއްބަސްވުމަކަށް އައުމަށް ލިބުނު ފުރުޞަތު އީރާނުން ބޭކާރު ކޮށްލި ކަމަށާއި، މީގެ ސަބަބުން އެ ޤައުމަށް ދެން ކުރިމަތިވާނީ "އިޤްތިޞާދީ ޑީ-ޑޭ" އެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، އީރާނާއެކު ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ހިންގާ ކޮންމެ ޤައުމަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
އީރާނުގެ ތެޔޮ ބޭރުކުރުމާއި، ސްވޮޕް ލައިންތަކާއި، މަނީ އެކްސްޗޭންޖްތަކާއި، ބޯޓުފަހަރު ރަޖިސްޓްރީ ކުރުމުގެ ޚިދުމަތްތަކާއި، އީރާނުގެ ފްރަންޓް ކުންފުނިތަކުގެ ޙަރަކާތްތައް ވަގުތުން ހުއްޓާލުމަށް ޓްރަމްޕް ގޮވާލެއްވިއެވެ. އަދި އީރާނުގެ ނުރައްކާ ނައްތާލައި އެކަހެރިކުރުމަށް އެމެރިކާގެ ބައިވެރިންގެ އެއްބާރުލުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
ޓްރަމްޕް މި އިންޒާރު ދެއްވީ، ފަސް މަހަށްވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ އެމެރިކާ-އީރާން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވެމުންދާ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ އޭޕްރީލް މަހުން ފެށިގެން އެމެރިކާއިން ދަނީ "އޮޕަރޭޝަން އިކޮނޮމިކް ފިއުރީ" ގެ ނަމުގައި އީރާން އިޤްތިޞާދީ ގޮތުން ބަންދުކުރުމުގެ ކެމްޕޭނެއް ހިންގަމުންނެވެ. އެ ކެމްޕޭނުގެ ދަށުން އީރާނުގެ ބަނދަރުތައް އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ ބަންދުކޮށްފައެވެ.
ނަމަވެސް، މުޙައްލިލުން ދެކޭ ގޮތުގައި، މިހާރު ވެސް ހުރިހާ ދާއިރާއަކުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާތީ، ޓްރަމްޕްގެ މި ބަޔާނުން ފެންނަނީ އެމެރިކާގެ މާޔޫސްކަމެވެ. އަދި މިއީ ހަނގުރާމައާ ދެކޮޅު އެމެރިކާގެ ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ދައްކާ ސިޔާސީ ވާހަކަތަކެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ