އަސަދުގެ ދެބެންގެދެދަރި ކޮއްކޮ ވަސީމް އަލް އަސަދު މަރަން ސޫރިޔާގެ ކޯޓުން ހުކުމްކޮށްފި

އަސަދުގެ ދެބެންގެދެދަރި ކޮއްކޮ ވަސީމް އަލް އަސަދު މަރަން ސޫރިޔާގެ ކޯޓުން ހުކުމްކޮށްފި

Author
އަހުމަދު
18 އޮގަސްޓް 2026 10:40
0

ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ހިންގި ލާއިންސާނީ ޖަރީމާތަކާއި ގިނަ ބަޔަކު މެރުމުގެ ކުށް ސާބިތުވެ، އެ ގައުމުގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ދެބެންގެދެދަރި ކޮއްކޮ ވަސީމް އަލް އަސަދު މަރަން، ސޫރިޔާގެ ކޯޓަކުން އަންގާރަ ދުވަހު ހުކުމްކޮށްފި އެވެ.

އުމުރުން 46 އަހަރުގެ ވަސީމް އަލް އަސަދު ކޯޓަށް ހާޒިރުކޮށް ހުކުމް އިއްވިއިރު، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތަކުގެ ގޮތުގައި ކަނޑައެޅި މި މައްސަލައިގައި، "އަނިޔާވެރިކަމާއެކު މީހުން މެރުމުގެ" ކުށް ވެސް އޭނާގެ މައްޗަށް ވަނީ ސާބިތުވެފައި ކަމަށް ގާޒީ ފަޚުރުއްދީން އަލް އަރްޔާން ވިދާޅުވި އެވެ. ސަރުކާރުގެ މަތީ މަގާމެއް ފުރި ފަރާތަކަށް ނުވި ނަމަވެސް، ދިިމިޝްގު ކައިރީގައި ދިން ނުރައްކާތެރި ހަމަލާތަކުގައި ބައިވެރިވި ހަތިޔާރު އެޅި ދެ ގްރޫޕެއް ވަސީމް އުފައްދާފައިވާކަން ކޯޓަށް ވަނީ ސާބިތުވެފަ އެވެ. މީގެ އިތުރުން މަޒްހަބީ ފިތުނަ އުފެއްދުމަށް ހިތްވަރު ދިނުމާއި، މީހުންގެ މިނިވަންކަން ނިގުޅައިގަތުމުގެ ކުށް ވެސް އޭނާގެ މައްޗަށް ސާބިތުވި އެވެ. ނަމަވެސް މަސްތުވާތަކެތީގެ ދައުވާގައި ހެކި ނެތުމުން، އެ ދައުވާއިން އޭނާ ސަލާމަތްވި އެވެ.

ސޫރިޔާގައި ގާތްގަނޑަކަށް 14 އަހަރު ދެމިގެންދިޔަ ދާޚިލީ ހަނގުރާމައިގައި ފަސްލައްކައަށްވުރެ ގިނަ މީހުން މަރުވެ، އެތައް މިލިއަން ބަޔަކު ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ. މި ޖަރީމާތަކާ ގުޅިގެން، ބައްޝާރުލް އަސަދު ޣައިރު ހާޒިރުގައި މަރަން މިދިޔަ ހަފުތާގައި ހުކުމްކޮށްފައިވާއިރު، އޭނާގެ ކޮއްކޮ މާހިރު ހިމެނޭހެން ކުރީގެ އަސްކަރީ އަދި ސަލާމަތީ ހަ އޮފިޝަލަކު މަރަން ވެސް ވަނީ ހުކުމްކޮށްފަ އެވެ. ސޫރިޔާގެ އިންތިގާލީ ސަރުކާރުން ވަނީ ކުރީގެ ސަރުކާރުގެ ދަށުން ހިންގާފައިވާ ޖަރީމާތަކުގައި ޒިންމާވާން ޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވާނެ ކަމަށް ވައުދުވެފަ އެވެ.

ބައްޝާރުލް އަސަދު 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ އޭނާގެ އަރިސް މަދު ބަޔަކާއެކު ރަޝިޔާއަށް ފިލައިގެން ގޮސްފަ އެވެ. ވަސީމް ހައްޔަރުކުރީ މިދިޔަ އަހަރު ލުބުނާނާއި ސޫރިޔާ ގުޅޭ ބޯޑަރު ކައިރިންނެވެ. މި ހުކުމް ސޫރިޔާގެ ކޯޓް އޮފް ކެސޭޝަންގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު އޭނާއަށް ލިބިގެންވެ އެވެ.

މަސްދަރު: އޭއެފްޕީ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.