އެމެރިކާ-ދެކުނު ކޮރެޔާގެ އަސްކަރީ ތަމްރީނުތައް ކުޑަކުރަން ޓްރަމްޕް އަންގައިފި

އެމެރިކާ-ދެކުނު ކޮރެޔާގެ އަސްކަރީ ތަމްރީނުތައް ކުޑަކުރަން ޓްރަމްޕް އަންގައިފި

Author
އަހުމަދު
17 އޮގަސްޓް 2026 09:22
0

އެމެރިކާއާއި ދެކުނު ކޮރެޔާއިން ކޮންމެ އަހަރަކު ގުޅިގެން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތައް ބޮޑުތަނުން ކުޑަކުރުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޕެންޓަގަންއަށް އަންގަވައިފި އެވެ.

ޓްރޫތު ސޯޝަލްގައި ޓްރަމްޕް ލިޔުއްވި ގޮތުގައި، މި ތަމްރީނުތަކަކީ ބޮޑު ހަރަދެއް ހިނގާ ކަމަކަށްވުމުގެ އިތުރުން، އުތުރު ކޮރެޔާއަށް ފޮނުވޭ "މުޅިން ނުބައި އަދި އަދާވާތްތެރި ސިގްނަލެއް" ކަމަށެވެ. އޭނާގެ ކުރީގެ ދައުރުގައި އުތުރު ކޮރެޔާއިން އަމަލުކުރީ އިހުތިރާމާ އެކުގައި ކަމަށް ވެސް ޓްރަމްޕް ފާހަގަކުރެއްވި އެވެ.

ޓްރަމްޕްގެ މި އިރުޝާދު އައިސްފައި ވަނީ 10 ދުވަހުގެ މުއްދަތަށް ކުރިއަށްދާ 'އުލްޗީ ފްރީޑަމް ޝީލްޑް' ތަމްރީނުތައް ހޮނިހިރު ދުވަހު ފެށެން މަދު ގަޑިއިރުކޮޅަކަށް ވެފައި ވަނިކޮށެވެ. ދެކުނު ކޮރެޔާގެ 18,000 ސިފައިން ބައިވެރިވާ މި ތަމްރީނުތައް ތާވަލާ އެއްގޮތަށް ފެށިފައިވާ ކަމަށް ދެކުނު ކޮރެޔާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ޓްރަމްޕްގެ ވާހަކަތަކަށް ކޮމެންޓްކުރަން އެ ފަރާތުން ވަނީ އިންކާރުކޮށްފަ އެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، މި ނިންމުމަކީ އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގް އުންއާ އެކު ގުޅުން ބަދަހިކުރުމަށް ޓްރަމްޕް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ބައެކެވެ. އުތުރު ކޮރެޔާއިން އަބަދު ވެސް މި ތަމްރީނުތައް ސިފަކުރަނީ އެ ގައުމަށް އަރައިގަތުމަށް ކުރެވޭ ތައްޔާރީތަކެއްގެ ގޮތުގަ އެވެ.

ތަމްރީނުތައް ކުޑަކުރާނެ ގޮތުގެ ތަފްސީލެއް ޕެންޓަގަންއިން އަދި އާންމެއް ނުކުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.