ދިވެހި ޤައުމު ޤައުމަކަށްވީ ސަބަބުތަކާއި، އެ ޝަރުޠުތައް މިއަދުވެސް ފުރިހަމަވެފައި އޮތްތޯ ބެލުމަށް، ފުންކޮށް ވިސްނަންޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހއ. އުތީމުގައި މިއަދު ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޤައުމީ ދުވަހަކީ އިއްޔެއާއި މިއަދު ގުޅުވާލައި، ދެމެދު މުރާޖަޢާކޮށް، މާދަމައަށް ތައްޔާރުވުމުގެ ދުވަހެއް ކަމަށެވެ. އަދި މި ދުވަހު އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، ޤައުމުގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެއްކަން ހަނދާންކުރުން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ޤައުމަކީ މީސްތަކުންގެ ޖަމާޢަތެއް ކަމަށާއި، ޖަމާޢަތެއް ޤައުމަކަށްވުމަށްޓަކައި ފުރިހަމަވާންޖެހޭ ގިނަ ޝަރުޠުތަކަކާއި ސިފަތަކެއް ވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ދިވެހި ޤައުމު ޤައުމަކަށްވެފައި މިވަނީ އެ ޝަރުޠުތައް ނުހަނު ވަރުގަދަކޮށް ފުރިހަމަވެގެން ކަމަށެވެ. ނަމަވެސް މިއަދުގެ ހާލަތާމެދު އެނބުރި ބަލާލާއިރު، އެކަންކަމާ ގުޅޭ ސުވާލުތަކެއް އުފެދިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއަދު ފެންނަނީ ހާލަތު ބަދަލުވުމުގެ ކޮޅުމަތީގައި އޮތްތަން ކަމަށާއި، އެންމެ ބޮޑު މަސްއޫލިއްޔަތަކީ އެ ބަދަލުތައް ހެޔޮ މިސްރާބަކަށް އަނބުރާލުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ސަރުކާރުން ކުރިޔަށްގެންދާ ޕްރޮގްރާމުތަކާއެކު، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކުގެ ދަށުން ހާލަތު އިޢާދަވުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޕްރޮގްރާމަކީ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމެވެ.
ކޮމެންޓު ފޮނުވާ