ފްރެންޑް 4 ދޯނީގެ ހާދިސާ: މާދަމާގެ ނިޔަލަށް ހުވަދޫ ކަނޑު އެއްކޮށް ބަލައި ނިމޭނެ

ފްރެންޑް 4 ދޯނީގެ ހާދިސާ: މާދަމާގެ ނިޔަލަށް ހުވަދޫ ކަނޑު އެއްކޮށް ބަލައި ނިމޭނެ

Author
އަހުމަދު
15 އޮގަސްޓް 2026 02:52
0

މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ، ގއ. ކުޑަލަފަރީގެ އިރުއުތުރުން އަށް ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4″ ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި، މާދަމާގެ ނިޔަލަށް ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައި ނިމޭނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ސިފައިން ބުނިގޮތުގައި ހާދިސާ ހިނގި ވަގުތުން ފެށިގެން، އިންފްރާރެޑް ސެންސާތައް ހަރުކޮށްފައިވާ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ބޭނުންކޮށްގެން ރޭގަނޑާއި ދުވާލު ދަނީ ސަރަހައްދު ބަލަމުންނެވެ. މި ޔޫއޭވީގެ އެހީގައި ދޯނިން އޮޔާ ދިޔަ ގޯނިތަކާއި ޑެބްރީސް ވަނީ ދެނެގަނެވިފަ އެވެ. މީގެ އިތުރުން ކޯސްޓްގާޑް ޝިޕް "އިމާދުއްދީން"، އިންޓަރސެޕްޓަރ ކްރާފްޓްސް، ހާބަރ ޕެޓްރޯލް ލޯންޗު އަދި ފުލުހުންގެ ލޯންޗު ބޭނުންކޮށްގެން، ހުވަދޫ ކަނޑުގެ ދެކުނުން ގއ. އަތޮޅުގެ ފަރުތަކާއި އުތުރުން ލ. އަތޮޅުގެ ފަރުތައް ވެސް ވަނީ ބަލައިފަ އެވެ.

މިހާތަނަށް ވައިގެ މަގުން 9،920 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދަކާއި ކަނޑުމަގުން 2،790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފައިވެ އެވެ. ދޯނި އަޑިއަށް ދިޔަ ސަރަހައްދުގެ ފުންމިން 1600 މީޓަރަށް ވުރެ ފުން ކަމަށާއި، މިއީ އަސްކަރީ ސަބްމެރިން ނުވަތަ ނިއުކްލިޔަރ ސަބްމެރިން ވެސް އޮޕަރޭޓް ނުކުރާ ފުންމިނެއް ކަމަށް ސިފައިން ވަނީ ބުނެފަ އެވެ.

ހާދިސާގައި ގެއްލިފައި ވަނީ ދޯނީގެ ކެޕްޓަން މުޙައްމަދު ޙަމްދޫނާއި، ސިފައިންގެ މީހަކާއި ފުލުހެކެވެ. ދޯނިން ފުންމާލި އެންމެން ސަލާމަތްކުރެވިފައިވާއިރު، ކޯސްޓްގާޑުގެ ޑައިވާ ސާޖަންޓް އަސްރާރު އަލީ ދެ ބިދޭސީން ސަލާމަތްކުރުމަށް ކުރި ހިތްވަރުގަދަ މަސައްކަތާއި، ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި، ޕޮލިސް ސާޖަންޓް ޢަލީ ނާފިޢު އާއި ސާޖަންޓް ޢަލީ ސައިފް އަދި އޯގްޒިލަރީ ފަޔާމަން ޢަބްދުﷲ ޝަފީޤުގެ ހިތްވަރުގަދަ މަސައްކަތް ސިފައިން ވަނީ ފާހަގަކޮށްފަ އެވެ. ދޯނީގެ ކެޕްޓަން ވެސް، ދޯނި ސަލާމަތްކުރެވޭތޯ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކޮށްފައިވާކަން ސަލާމަތްވި މީހުން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.