ދިވެހި ފުޓްބޯޅައިގެ ތާރީހު ދުށް އެންމެ ކާމިޔާބު އެއް ކޯޗު، މަރްހޫމް އިހްސާން ޢަބްދުލްޣަނީ (ސާންތީ) ގެ ހަނދާނަށް ހިދުމަތުގެ ގައުމީ އިނާމު އަރުވައިފި އެވެ.
މަޖީދިއްޔާ ސްކޫލާއި ޔޫތު ސްޕޯޓްސް ކްލަބުގެ މިޑްފީލްޑަރެއްގެ ގޮތުގައި ފުޓްބޯޅައިގެ ތެރެއަށް ވެދެވަޑައިގެންނެވި ސާންތީ، ޒުވާން އުމުރުގައި ހާއްސަވެ ވަޑައިގަތީ ކޯޗިންގެ ދާއިރާއަށެވެ. އޭނާގެ ހިއްސާ ދިވެހި ފުޓްބޯޅައިގެ ތާރީހީ އެންމެ ބޮޑެތި ކާމިޔާބީތަކުގެ ފަހަތުގައި ބޮޑެވެ.
2004 ވަނަ އަހަރު އޭޝިއާގެ ގަދަބާރު ދެކުނު ކޮރެއާ އާއި ދެކޮޅަށް ރާއްޖެއިން އެއްވަރުކުރި ތާރީހީ މެޗުގައި އެސިސްޓެންޓް ކޯޗަކީ ސާންތީ އެވެ. އަދި 2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ހެޑް ކޯޗުގެ އެންމެ އިސް އެސިސްޓެންޓުގެ ގޮތުގައި ވެސް ހުންނެވީ ސާންތީ އެވެ. އޭގެ 10 އަހަރު ފަހުން، ދެވަނަ ފަހަރަށް ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، އޭނާ ހުންނެވީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުގަ އެވެ.
ސާންތީ އަވަހާރަވީ މާޗް 22، 2025 ގައެވެ.
ކޮމެންޓު ފޮނުވާ