ގައުމީ ދުވަހުގެ މުނާސަބަތުގައި 13 ފަރާތަކަށް ގައުމީ އިނާމު އަރުވައިފި

ގައުމީ ދުވަހުގެ މުނާސަބަތުގައި 13 ފަރާތަކަށް ގައުމީ އިނާމު އަރުވައިފި

Author
އަހުމަދު
15 އޮގަސްޓް 2026 12:38
0

މިއަދު ފާހަގަކުރި ގައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސް މުހައްމަދު މުއިއްޒު ވަނީ 11 ބޭފުޅަކާއި، ކުންފުންޏަކާއި، ޖަމިއްޔާއަކަށް ގައުމީ އިނާމު އަރުވާފައެވެ.

ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު އެރުވި ބޭފުޅުންގެ ތެރޭގައި، ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން މުހައްމަދު އާމިރު އަހްމަދު، އިމާރާތްކުރުމުގެ ދާއިރާއިން އިބްރާހީމް ރަޝީދު، އަދި ހަބަރު ފެތުރުމުގެ ދާއިރާއިން ނަޖުމާ ހުސައިން ހިމެނިވަޑައިގަންނަވައެވެ. ސިއްހީ ދާއިރާއިން މި އިނާމު އެރުވީ ސޮސައިޓީ ފޯ ހެލްތް އެޑިޔުކޭޝަން (ޝީ) އަށެވެ.

ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަތް ބޭފުޅުންނަކީ ދީނީ ދާއިރާއިން ހައްވާ ލަތީފް، ދިވެހި ބަހާއި އަދަބިއްޔާތުން މުހައްމަދު ނަސީރު، ދިވެހި ތާރީހުގެ ދާއިރާއިން ކޮމާންޑް ސާޖަންޓް މޭޖާ އަބްދުﷲ ސަޢީދު، ސިއްހީ ދާއިރާއިން މުހައްމަދު އަހްމަދު، މުއާސަލާތާއި އައިޓީގެ ދާއިރާއިން އަރުޝަދު އަހްމަދު، ކުޅިވަރުގެ ދާއިރާއިން އާއިޝަތު ނައުރާ، އަދި ވިޒުއަލް އާޓްސްގެ ދާއިރާއިން އިސްމާއީލް އަބްދުލްގަފޫރެވެ. މީގެ އިތުރުން، އިމާރާތްކުރުމުގެ ދާއިރާއިން ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށްވެސް މި އިނާމު ވަނީ އަރުވާފައެވެ.

ހާއްސަ ގޮތެއްގައި، ދިވެހި ފުޓްބޯޅައިގެ ތާރީހު ދުށް އެންމެ ކާމިޔާބު އެއް ކޯޗު، "ސާންތީ"ގެ ނަމުން މަޝްހޫރު އަލްމަރްހޫމް އިހްސާން އަބްދުލްގަނީގެ ހަނދާނަށް، ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުކުރުމުގައި ކޮށްދެއްވި ހިދުމަތުގެ އަގުވަޒަން ކުރައްވައި، ހިދުމަތުގެ ގައުމީ އިނާމު ވެސް ވަނީ އަރުވާފައެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ޝަރަފުގެ އައްޑަނައަކާއި، ބެޖަކާއި، ހަނދާނީ ލިޔުމެއް އެރުވި އިރު، ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި އެރުވީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ. މި ބޭފުޅުން ހޮއްވެވީ ރައީސް މުއިއްޒު އުފައްދަވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.