ޝަނޫންގެ މަރުގެ ހުކުމަށް ހައި ކޯޓުގެ ތާއީދު

ޝަނޫންގެ މަރުގެ ހުކުމަށް ހައި ކޯޓުގެ ތާއީދު

Author
އަހުމަދު
13 އޮގަސްޓް 2026 11:01
0

ލ. މުންޑޫގައި 2015 ވަނަ އަހަރު މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލައިގައި، މުހައްމަދު ޝަނޫންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި މަރުގެ އަދަބުގެ ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފިއެވެ.

ޒިޔަދަމް މަރާލީ 20 މާޗު 2015 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް 10:30 ހާއިރު، ”މުންޑޫ ވަގުތީ ހިޔާ“ ކައިރީ ހިނގި މާރާމާރީއެއްގައި ވަޅިން ހަމަލާދީގެންނެވެ. ދައުވާގައިވާ ގޮތުން މި މާރާމާރީ ހިނގީ، ތިން މީހުން ވެގެން ކެއްކި ބަނގުރާ ބެހުމުގައި ޖެހުނު މައްސަލަގަނޑެއްގެ ތެރެއިންނެވެ.

މި މައްސަލައިގައި 2023 ވަނަ އަހަރު ކްރިމިނަލް ކޯޓުން، ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވެ ޝަނޫން މަރަން ހުކުމް ކުރި އިރު، މަރުގައި ބައިވެރިވި ކުށް ސާބިތުވެ އަލީ ސިފާމް 25 އަހަރަށް ޖަލަށްލާން ހުކުމް ކުރިއެވެ. ސިފާމްގެ ފަރާތުން އެ ހުކުމް އިސްތިއުނާފުކުރި ނަމަވެސް، ދަށު ކޯޓުގެ ހުކުމް 2024 ވަނަ އަހަރު ހައި ކޯޓުން ދަމަހައްޓައިފައިވެއެވެ.

ޝަނޫންގެ ފަރާތުން ހުކުމް އިސްތިއުނާފް ނުކުރި ނަމަވެސް، މަރުގެ އަދަބު ތަންފީޒުކުރެވޭނީ ހައި ކޯޓާއި ސުޕްރީމް ކޯޓުން އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމުންނެވެ. އެހެންކަމުން، ދަށު ކޯޓުގެ ހުކުމް ސައްހަކަން ބެލުމަށް ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، ޝަނޫންގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުކުރި ގޮތުގައި ޝަރުއީ އަދި ގާނޫނީ ގޯހެއް ނެތްކަމަށެވެ. އަދި މަރުގެ އަދަބު ކަނޑައެޅުމަށްޓަކައި ޒިޔަދަމްގެ ވާރިސުންގެ ބަސް ދަށު ކޯޓުން ނަގާފައިވަނީ ވެސް ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ކަމަށް އެ ހުކުމުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.