ނުކުޅެދުންތެރިކަން ހުންނާތީ ވީލްޗެއާ ބޭނުންކުރާ މީހަކަށް މާލެއާއި ހުޅުމާލޭގެ މިސްކިތްތަކުން ނަމާދު ކުރުމުގެ ފުރުސަތު ނުދިން މައްސަލަ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެނެސް، އެކަން ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވައިފި އެވެ.
"ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ރައީސާ ބައްދަލުކުރި ފާއިޒް ނަމަކަށް ކިޔާ މީހަކު ވިދާޅުވި ގޮތުގައި، އަލިކިލެގެފާނު މަގުގައި ހުންނަ ސޮލާހުއްދީން މިސްކިތަށް ވަންނަން އުޅުމުން، ވީލްޗެއާގައި މިސްކިތް "ހަޑިވެދާނެ" ކަމަށް ބުނެ، ހުތުރު ބަހުން ދޮރު ލެއްޕީ އެވެ. ދޮރު ކައިރިން އަރިމަތީގައި ބޭންދުމަށް އެދުމުން ވެސް، "ވީލްޗެއާ މީހުންނަކަށް މިއިން ޒަމާނަކުވެސް މި މިސްކިތަކަށް ނުވެއްދޭނެ" ކަމަށް ބުނި ކަމަށް އޭނާ ވިދާޅުވި އެވެ. ހުޅުމާލޭގެ މިސްކިތަކުން ވެސް ކަންތައްކުރީ ހަމަ އެ ގޮތަށް ކަމަށާއި، މިއަދު ނަމާދު ކުރަން ޖެހިފައި އޮންނަނީ ގޭގައި ކަމަށް ފާއިޒް ފާހަގަކުރި އެވެ.
މީގެ އިތުރުން، މާލެ ސަރަހައްދުގައި ބަހަށް އެރުމުގައި ދިމާވާ ދަތިތަކާއި، އެންސްޕާ މެދުވެރިކޮށް ދޫކުރާ ވީލްޗެއާތަކުގެ ފެންވަރު ދަށްކަން ވެސް އޭނާ ފާހަގަކުރި އެވެ.
ޖަވާބުގައި ރައީސް ވިދާޅުވީ އެއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށާއި، ފާއިޒް ފާހަގަކުރެއްވި ހުރިހާ ކަމަކަށް ރަނގަޅު ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ