ފާމަސިސްޓުން ތަމްރީނުކުރަން ސްޓޭޓް ފާމާ އާއި ވިލާ ކޮލެޖު މަޝްވަރާ ކޮށްފި

ފާމަސިސްޓުން ތަމްރީނުކުރަން ސްޓޭޓް ފާމާ އާއި ވިލާ ކޮލެޖު މަޝްވަރާ ކޮށްފި

Author
އަހުމަދު
10 އޮގަސްޓް 2026 03:55
0

ރާއްޖެއަށް ދިމާވެފައިވާ ފާމަސިސްޓުން ނުލިބުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި (ސްޓޭޓް ފާމާ) އިން ވިލާ ކޮލެޖާއެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

ސްޓޭޓް ފާމާގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ފާމަސީގެ ދާއިރާއިން ދިވެހި ޒުވާނުން ތަމްރީނުކުރުމަށާއި، އެ ދާއިރާއިން ކިޔަވަން ޝައުގުވެރިވާ ޒުވާނުންގެ އަދަދު އިތުރުކުރަން އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުންނެވެ. އަދި ދަސްވެނިވާ ޒުވާނުންނަށް ދެ ފަރާތް ގުޅިގެން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާ ބެހޭ ގޮތުން ވެސް ވާހަކަދެއްކި ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، މި ދާއިރާގައި މިހާރު މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން ރިފްރެޝާ ކޯސްތަކެއް ހިންގުމަށް ވިލާ ކޮލެޖާ ގުޅިގެން މަސައްކަތްކުރުމުގެ ވިސްނުން ވެސް މި ބައްދަލުވުމުގައި ހިއްސާކުރި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. "ދިވެހި ޒުވާނުންނަށް އަބަދުވެސް ކުންފުނީގެ ދޮރުތައް ހުންނާނީ ހުޅުވިފައި،" އޭނާ ވިދާޅުވި އެވެ.

ވިލާ ކޮލެޖަކީ މިހާރު ވެސް ފާމަސީގެ ދާއިރާއިން އެކި ލެވެލްގެ ކޯސްތައް ހިންގަމުން އަންނަ ކޮލެޖެކެވެ.

ރާއްޖެއަށް ބޭނުންވާ ބޭހާއި ސަރުކާރުގެ ފާމަސީތައް ބެލެހެއްޓުމުގެ މަސައްކަތް ކުރިން ކުރަމުން އައީ އެސްޓީއޯ އިންނެވެ. ނަމަވެސް، މި ހިދުމަތްތަކަށް ހާއްސަކޮށްގެން މިދިޔަ އަހަރު ސްޓޭޓް ފާމާ އުފެއްދުމާއެކު، ސަރުކާރުގެ ހުރިހާ ބޭސް ފިހާރައެއް މިހާރު ވަނީ އެ ކުންފުނީގެ ދަށަށް ބަދަލުކޮށްފަ އެވެ. މި ބަދަލާއެކު ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ޚިދުމަތްދޭން ބޭނުންވާ ވަރަށް ފާމަސިސްޓުން ނުލިބުމުގެ މައްސަލަ އެވެ. މި މައްސަލަ ހައްލުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކާއެކު ސްޓޭޓް ފާމާއިން ދަނީ މަސައްކަތްކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.