އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރޭ ޒުވާނުންގެ ބަޔަކާ ބައްދަލުކުރައްވައި ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވައިފި އެވެ.
މި ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ސިޔާސީ މަސްރަޙާއި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ނުކުންނަ ނަތީޖާތަކާއި، ރާއްޖޭގެ މިހާރުގެ ޙާލަތާ ބެހޭގޮތުން ޒުވާނުންނާއެކު ޚިޔާލު ބަދަލުކުރެއްވި ކަމަށެވެ.
"ޤައުމެއް ކުރިއަރައިދާނީ ޒުވާނުންގެ އަޑު އަހައިގެން،" ޝާހިދު ވިދާޅުވި އެވެ. އަދި ޙާލަތު ބަދަލުކުރުމުގެ ވިސްނުމާއި ފިކުރު، އަދި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކަންކަން ކުރުމުގެ ހުނަރު ޒުވާނުންގެ ކިބައިގައި ހުރިކަން ރޭގެ މަޝްވަރާއިން ވެސް ފެނިގެންދިޔަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ޝާހިދު މި ބައްދަލުވުން ބާއްވަވާފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީއަށް އެމަނިކުފާނު ތައްޔާރުވެވަޑައިގަންނަވަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ.
އެ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް ރަސްމީކޮށް ހާމަކުރައްވާފައި ވަނީ ހަމައެކަނި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލެވެ. މީގެ އިތުރުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙްގެ ސަރުކާރުގެ ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ވަނީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވައިފަ އެވެ.
ކޮމެންޓު ފޮނުވާ