ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއެކު ރަށްރަށުގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްވެގެންދާނެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުހައްމަދު ނިމާލް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ނިމާލް ވިދާޅުވީ ސަރުކާރުން ރަށްރަށުގައި މަޝްރޫއުތައް ހިންގުމަށް ބިން ބޭނުންވާ ހާލަތްތަކުގައި، ބައެއް ކައުންސިލްތަކުން އެ ބިންތައް ދޫކުރުމަށް ފަސްޖެހޭ ކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބެމުންދާ ކަމަށެވެ. އެފަދަ ދަނޑިވަޅުތަކުގައި މަޝްރޫއުތައް ލަސްވެ، ރައްޔިތުންނަށް ލިބެންޖެހޭ ފައިދާ ލިބުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިމާލް ވިދާޅުވީ ކައުންސިލްތަކަކީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް މަގުފަހިކޮށްދޭން ޖެހޭ ފަށަލައެއް ކަމަށެވެ. އެހެންކަމުން ކޮންމެ ކައުންސިލަކުން ވެސް ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އަލަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނާ ގޮތުން، ރައްޔިތުންގެ ޖަމާއީ މަންފާއަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކަށް ކައުންސިލްތަކުން ފުރިހަމަ އެއްބާރުލުން ދޭން ޖެހޭނެ އެވެ. މީގެ އިތުރުން މަގުބޫލު ސަބަބެއް ނެތި މަޝްރޫއަކަށް ހުރަސް އެޅޭ ފަދަ ގޮތަކަށް އަމަލުކުރުމާއި، މަޝްރޫއުތައް ހުއްޓޭ ފަދަ ނިންމުންތައް ނިންމުމަކީ ކައުންސިލްތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ބިލުގައި ކަނޑައަޅާފައިވެ އެވެ.
ހަމައެއާއެކު މި އިސްލާހުގެ ދަށުން، ކައުންސިލެއްގެ އިހުތިސާސް ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ހިނދެއްގައި، އެ ތަނެއް ކައުންސިލުގެ އިހުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންވެ އެވެ. އަދި ރަށެއް ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް ސަރުކާރަށް ބޭނުންވާ ބިންތައް ނެގޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ކޮމެންޓު ފޮނުވާ