ތ. އަތޮޅުން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ "ފްރެންޑް 4″ ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް މިހާތަނަށް 6،000 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަހައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށް އެމް.އެން.ޑީ.އެފް އިން ބުނެފިއެވެ.
އިއްޔެ ރޭ ސަޕްލައި ދޯނި "ފްރެންޑް 4″ އަށް ރާޅު އަރައި ދިޔަވާން ފެށުމުން، އެ އުޅަނދާއި އޭގައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް، އެ ދޯނި ވަނީ އަޑިއަށް ގޮސްފައެވެ. އެ ވަގުތު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ސަލާމަތް ކުރެވިފައިވީ ނަމަވެސް، ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކެޕްޓަން އަދިވެސް ވަނީ ނުފެނިއެވެ.
އެމް.އެން.ޑީ.އެފް އިން ބުނި ގޮތުގައި، ގެއްލުނު މީހުން ހޯދުމަށް ވައިގެ މަގުން 5،212 އަކަ ނޯޓިކަލް މޭލާއި ކަނޑުމަގުން 1،070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާތަނަށް ބަލައި ފާސްކޮށްފައިވެއެވެ. ނަމަވެސް، ކުރެވުނު މަސައްކަތުން މިއިން މީހަކު ފެނިފައި ނުވާ ކަމަށާއި، ތިން މީހުން ހޯދުމުގެ އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް ސިފައިންނާ ހަވާލާދީ އެ އިދާރާއިން ބުނެއެވެ.
ކޮމެންޓު ފޮނުވާ