މިއަހަރުގެ މިހާތަނަށް 1.28 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު ވަނީ 1,281,360 އަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1,341,550 ފަތުރުވެރިންނާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް، 2024 ވަނަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1,223,865 ފަތުރުވެރިންނާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
މިއަހަރު ފަތުރުވެރިންގެ އަދަދު ދަށްވެގެންދިޔަ މައިގަނޑު ސަބަބެއް ކަމަށް ފާހަގަކުރެވެނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައެވެ. އީރާނުގެ މަޝްރަހު އެންމެ ހޫނުވި ދުވަސްވަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އުފުލައިދޭ ޤަތަރު އެއާވޭސް، އެމިރޭޓްސް އަދި އިއްތިހާދު ފަދަ ބޮޑެތި އެއާލައިންތަކުން ދަތުރުތައް އެއްކޮށް ހުއްޓާލިއެވެ. އޭގެ ފަހުން އަނބުރާ ދަތުރުތައް ފެށި ނަމަވެސް ދަތުރުތައް ކުރިއަށްދިޔައީ ގިނަ ހިފެހެއްޓުންތަކާ އެކުގައެވެ.
ނަމަވެސް މިހާރު ހާލަތު ބަދަލުވެ، ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވަމުންނެވެ. މީގެ މަހެއްހާ ދުވަސްކުރިން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 4،000 ފަތުރުވެރިން ރާއްޖެ އައި ނަމަވެސް، މިހާރު އެ އަދަދު ވަނީ ގާތްގަނޑަކަށް 6،000 އަށް އަރާފައެވެ.
މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން 224,107 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައިގައި އޮތް ރަޝިއާއިން 183,960 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. އޭގެ އިތުރުން އިނގިރޭސިވިލާތުން 99,286، އިޓަލީން 81,144، ޖަރުމަނުވިލާތުން 78,046، އަދި އިންޑިއާއިން 72,773 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން އެމެރިކާ، ސްވިޒަރލޭންޑް އަދި އޮސްޓްރޭލިއާ ފަދަ ޤައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ނުގޮސް ހިފެހެއްޓިފައި ހުރި ކަމީވެސް ފާހަގަކޮށްލެވޭ ކަމެކެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށެވެ. އެ އެއާޕޯޓަށް 1,250,875 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އައްޑޫ ގަން އިންޓަރނޭޝަނަލް އެއާޕޯޓަށް 4,632، މާފަރު އެއާޕޯޓަށް 4,201 އަދި ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަށް 2,722 ފަތުރުވެރިން ވަނީ އައިސްފައެވެ.
ކޮމެންޓު ފޮނުވާ